ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ ކުރީގެ ނިންމުންތަކާ މެދު ޝަކުވާ ހުށަހެޅުމަށް ހުޅުވާލި 20 ދުވަހުގެ މުއްދަތުގައި 539 ޝަކުވާ ލިބިފައިވާ ކަމަށް އެ އޮފީހުން މިއަދު ހާމަކޮށްފިއެވެ.
އާ ޕީޖީ އައްބާސް ޝަރީފް މަޤާމާ ހަވާލުވުމަށްފަހު ހުޅުވާލި މި ފުރުޞަތުގައި، ދަޢުވާ ކުރުމާއި ބަންދުކުރުމާ ގުޅޭ ނިންމުންތަކާ މެދު ޝަކުވާ ހުށަހެޅުމަށް ވަނީ ފުރުޞަތު ދީފައެވެ.
ޕީޖީ އޮފީހުގެ ތަރުޖަމާނު އަދި ޕަބްލިކް ޕްރޮސެކިއުޓަރު އަޙްމަދު ޝަފީޢު ވިދާޅުވީ، މި ޝަކުވާތައް ބަލައި މައްސަލަތައް އަލުން ރިވިއުކުރުމާ މެދު ގޮތެއް ނިންމުމަށް ޕީޖީގެ އެތެރޭގެ ކޮމިޓީއެއް އެކުލަވާލާނެ ކަމަށެވެ.
ކުރީގެ ޕީޖީ ހުސައިން ޝަމީމް ވަކިކުރި ހުށަހެޅުމުގައި ހިމެނޭ މައްސަލަތަކުގެ ތެރޭގައި، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ފައިލްކުރުމާއި، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ދަޢުވާގެ މައްސަލަ ފައިލްކުރުން ހިމެނެއެވެ.
ޕީޖީ އައްބާސް ވިދާޅުވީ، މި ޝަކުވާތަކާ ގުޅޭ ގޮތުން ނިންމާ ނިންމުންތައް އެ ނިންމި ސަބަބުތަކާ އެކު ހާމަކުރާނެ ކަމަށެވެ.


