Tuesday, 28 July 2026
ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒުގެ ބައްޕާފުޅުގެ ޚިދުމަތުގެ އަގުވަޒަންކޮށް ޚާއްޞަ އެވޯޑެއް ދީފި

ހައިކޯޓުގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ހަފްލާއެއްގައި، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ބައްޕާފުޅު، އަލްމަރުޙޫމް ޝެއިޚް ޙުސައިން ޢަބްދުއްރަޙްމާނުގެ ޝަރުޢީ ދާއިރާއަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގުވަޒަންކޮށް ޚާއްޞަ އެވޯޑެއް ދީފިއެވެ.

ރޭ ސީއެޗްއެސްއީގައި ބޭއްވުނު މި ހަފްލާގައި، ހައިކޯޓުގެ އިސް ފަނޑިޔާރު ޙުސައިން ޝަހީދު ވަނީ ރައީސް މުއިއްޒަށް އެ މަނިކުފާނުގެ ބައްޕާފުޅުގެ ފަނޑިޔާރުކަމުގެ ހެދުންކޮޅާއި ރަމްޒީ ފިލައެއް ހަވާލުކޮށްދެއްވާފައެވެ.

ޝެއިޚް ޙުސައިން ޢަބްދުއްރަޙްމާނަކީ ރާއްޖޭގައި ހައިކޯޓުގެ ފުރަތަމަ ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅާއެވެ. އަދި އެޓަރނީ ޖެނެރަލްގެ ނައިބުކަމާއި އެކްޓިންގ އެޓަރނީ ޖެނެރަލްގެ މަޤާމު ވެސް އަދާކުރައްވާފައިވެއެވެ. މީގެ އިތުރުން، 2013 ވަނަ އަހަރު ދީނީ ރޮނގުން ޤައުމީ ޝަރަފުވެރިކަމުގެ އިނާމު ވެސް ލިބިވަޑައިގެންފައިވެއެވެ.

މިސުރުގެ އަލްއަޒުހަރު ޔުނިވަރސިޓީން ޝަރުޢީ ދާއިރާއިން ޑިގްރީ ހާސިލުކުރައްވާފައިވާ ޝެއިޚް ޙުސައިން ޢަބްދުއްރަޙްމާން އަވަހާރަވެފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 29 ވަނަ ދުވަހު، ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާގައި ހުންނަވަނިކޮށެވެ.

މި ހަފްލާގައި ރައީސް މުއިއްޒު ވަނީ ބައްޕާފުޅުގެ ޚިދުމަތްތަކަށް ހައިކޯޓުން ދެއްވި މި ޚާއްޞަ ޝަރަފަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *