ގއ. ވިލިނގިލީގެ އުމުރުން ދުވަސްވީ އަންހެނެއްގެ ކޭޝްކާޑު ބޭނުންކޮށްގެން ގއ. މާމެންދޫ ބީއެމްއެލް އޭޓީއެމްއިން ފައިސާ ނަގާފައިވާ މައްސަލައެއް ފުލުހުން ބަލަމުންދާކަމަށް ބުނެފިއެވެ.
ފުލުހުން ހާމަކުރިގޮތުގައި މި މައްސަލަ ރިޕޯޓުކޮށްފައިވަނީ އޮކްޓޯބަރ 23 ވަނަ ދުވަހުގެ ރޭ 20:13 ހާއިރުއެވެ.
މި ރިޕޯޓާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، ކާޑު ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ ދެ މީހަކު މާމެންދޫއިން ވިލިނގިއްޔަށް ދަނިކޮށް ކަނޑުމަތިން ހުއްޓުވައި ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ދެމީހުން ހައްޔަރުކޮށް އެމީހުން ދަތުރުކުރި ލޯންޗު ބަލައިފާސްކުރިއިރު އެ ކޭޝްކާޑު ބޭނުންކޮށްގެން އެމީހުން ވަގަށް ނެގިކަމަށް ބެލެވޭ 25,000 ރުފިޔާގެ ތެރެއިން 23,000 ރުފިޔާ ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި / ލައިފް، މުޙައްމަދު ޝާއިން ޝަމީޒް (22 އަހަރު) އަދި ލ. ގަން، ތުނޑި / ނޯތު ހެވަން، ޙަމްދޫން ޚަލީލް (24 އަހަރު) އެވެ.
ފުލުހުންގެ ފަރާތުން ބުނެފައިވަނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުން ގެންދާ ކަމަށެވެ.


