ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި މޯލްޑިވްސް ފެމިލީ ފައުންޑޭޝަން ގުޅިގެން، ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދުތައް އެކުލަވާލުމަށްޓަކައި މަޝްވަރާ ބައްދަލުވުމެއް މިއަދު ފަށައިފިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނީ "ދުންފަތުގެ ބާވަތްތައް އިޝްތިހާރު ކުރުމާބެހޭ ޤަވާޢިދު" އަދި "ދުންފަތުގެ ބާވަތްތަކުން ވިޔަފާރީގެ މުޢާމަލާތް ކުރުމާބެހޭ ޤަވާޢިދު" އެކުލަވާލުމާ ގުޅޭގޮތުންކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ބައްދަލުވުމުގެ މަޤްޞަދަކީ، މި ޤަވާޢިދުތައް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމުގެ ކުރިން، ކަމާ ގުޅުންހުރި ދައުލަތުގެ މުއައްސަސާތަކާއި މަޞްލަޙަތު ހިމެނޭ އެހެނިހެން ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ. އަދި ޤަވާޢިދު އިތުރަށް ފުރިހަމަ ކުރުމަށާއި ތަންފީޛު ކުރުމުގައި އެ ފަރާތްތަކުގެ އެއްބާރުލުމާއި ބައިވެރިވުން ހޯދުމެވެ.
މި ބައްދަލުވުމުގައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތައް ހިމެނޭހެން ގާތްގަނޑަކަށް 50 ބައިވެރިން ޙިއްޞާވެވަޑައިގަންނަވާނެ ކަމަށް ލަފާކުރެވެއެވެ.


