މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ޔޫތު މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މީޑިއާ ކައުންސިލްގެ ދިހަ މެންބަރުންގެ މުއްދަތު ހަމަވާތީ، އެ ކައުންސިލަށް މެންބަރުކަމަށް ހުށަހެޅުމުގެ މުއްދަތު މި މަހުގެ 29 ވަނަ ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ.
މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ފުރަތަމަ ހުޅުވާލި މުއްދަތު ހަމަވެފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެ ފުރުސަތުގައި މީޑީއާތަކުން ހޮވާ ހަތް މެމްބަރުންގެ ޖާގައަށް އަށް މީހަކު ކުރިމަތިލިއެވެ. ނަމަވެސް މީގެ ކުރިން ފޯމު ހުށަހަޅާފައިވާ ފަރާތްތައް އަލުން ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މީގެ އިތުރުން، ޔޫތު މިނިސްޓްރީން ވަނީ ވޯޓުލުމަށް ދީފައިވާ މުއްދަތު ވެސް މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ނިޔަލަށް އިތުރުކޮށްފައެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލަކީ މީޑިއާތަކުން އިންތިހާބުކުރާ އަށް މެމްބަރުންނާއި އާންމުންގެ ންގެ ތެރެއިން އިންތިހާބުކުރާ ހަތް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ މަޖިލީހެކެވެ.


