ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯއްޗާއި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި ހުރި ޓަވަރުތަކުން ދޫކުރި ފްލެޓުތައް ހަވާލުކުރުން ލަސްވާތީ، އެމްޑީޕީއިން މިއަދު އިހުތިޖާޖު ކޮށްފިއެވެ.
އެމްޑީޕީން މި އިހުތިޖާޖު ކުރިއަށް ގެންދަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީގައެވެ. މި އިހުތިޖާޖުގައި އެ ޕާޓީގެ މަޖިލީސް މެންބަރުން ވެސް ބައިވެރިވިއިރު، ބައިވެރިން ވަނީ މާލޭގެ ބޮޑެތި މަގުތަކުގައި ވެސް ނުރުހުން ފާޅުކޮށްފައެވެ.
ރައްޔިތުންގެ މަޖިލިސް ކައިރީގައި މި އިހްތިޖާޖު ކުރިއަށް ގެންގޮސްފައި ވާއިރު، މަޖިލިސް ހިމެނޭ ސަރަހައްދަކީ "ގްރީން ޒޯނެއް" އެއް ކަމަށް ބުނެ ފުލުހުން ވަނީ އިހްތިޖާޖުގެ ބައިވެރިން މަޖިލީހާ ދުރަށް ގެންގޮސްފައެވެ. މިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ މީގެކުރިން މަޖިލިސް ކުރިމަތީ އެކި މައްސަލަ ތަކުގައި އިހްތިޖާޖު ކުރުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.
މި މުޒާހަރާގެ ބައިވެރިންނާ އެކު ހުންނަވާ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަޙުމަދު ދީދީ ވަނީ ރައްޔިތުންނަށް ފުލެޓުތައް އަވަހަށް ދިނުމަށް ގޮވާލައްވާފައެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ނިންމައިފައިވެއެވެ. އެ ގޯތިތައް ދޫކޮށްފައިވަނީ ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރުފަޅުންނެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްގެން ހުޅުމާލޭގައި 4000 ފުލެޓު ތަރައްގީ ކުރަމުން އަންނައިރު، ފުލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި މައްސަލައެއް އުޅޭ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ ޖިނާއީ ތަހުގީގެއް ކޮށްފައެވެ.


