Tuesday, 28 July 2026

ރާއްޖޭގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމާ ގުޅޭ މާސްޓަރޕްލޭނެއް އެކުލަވާލަން ނިންމަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އާޓިފިޝަލް އިންޓެލިޖެންސްގެ ފަންނިއްޔާތު މެދުވެރިކޮށް ރާއްޖެއަށް އިޤްތިޞާދީ ފައިދާ ހޯދުމާއި، އެކަމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތަކުން ސަލާމަތްވުމާ ގުޅޭ މާސްޓަރޕްލޭނެއް އެކުލަވާލުމަށް ނިންމަވާފައެވެ.

މި ނިންމެވުން ނިންމެވީ އޮކްޓޫބަރު 16 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާ އެކުގައެވެ.

މި މާސްޓަރޕްލޭންގައި އަންނަނިވި ބައިތައް ހިމެނުމަށް ވަނީ ނިންމަވާފައެވެ:

1. އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ރާއްޖެއަށް އިޤްތިޞާދީ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހޯދޭނެ ގޮތްތައް
2. އެ ޓެކްނޮލޮޖީގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރި ޙާލަތްތަކުން ސަލާމަތްވާނެ ގޮތްތައް
3. އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ހިފުމުގައި ދިވެހިރާއްޖޭގައި ޢަމަލުކުރާނެ ޤާނޫނީ އޮނިގަނޑެއް
4. މިފަދަ ކަންކަމުގައި ސަރަހައްދީ ޤައުމުތަކުން ޢަމަލުކުރަމުންދާ ގޮތްތައް

ރައީސުލްޖުމްހޫރިއްޔާ ވަނީ މި މާސްޓަރޕްލޭން އެކުލަވާލުމަށްފަހު، މިކަމާ ގުޅޭ ކަރުދާސްތައް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމަށް އަންގަވާފައެވެ.

މި މާސްޓަރޕްލޭން އެކުލަވާލުމުގެ މަޤްޞަދަކީ އާޓިފިޝަލް އިންޓެލިޖެންސްގެ ފަންނިއްޔާތުގެ ބޭނުން ރާއްޖޭގައި އެންމެ ފައިދާހުރި ގޮތުގައި ހިފުމާއެކު، އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ތައްޔާރުވުމެވެ.

(މަޢުލޫމާތު: ރައީސް އޮފީހުގެ ޕްރެސް ރިލީސް)

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *