ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފެށި "އޮޕަރޭޝަން ކުރަނގި" ގެ ދަށުން މިހާތަނަށް 4،272 ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފިކަމަށް ދާޚިލީ ވުޒާރާއިން ހާމަކޮށްފިއެވެ.
މެއި 2 ވަނަ ދުވަހު ފެށުނު މި އޮޕަރޭޝަން މިހާރު ވަނީ 45 ރަށެއްގައި ފަށާފައެވެ. އޭގެ ތެރެއިން 8 ރަށެއްގައި ތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު ނަގާ ނިމިފައިވާކަމަށް ދާޚިލީ ވުޒާރާއިން ވަނީ ބުނެފައެވެ.
ދާޚިލީ ވަޒީރު ޢަލީ ޢިހުސާން މީގެކުރިން ވިދާޅުވީ މި މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައި ހައްލު ލިބިގެންދާނެ ކަމަށެވެ. އަދި ފުރަތަމަ އަހަރު ތެރޭގައި ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއްކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާގައި ބިދޭސީންނާމެދު ފިޔަވަޅު ނޭޅޭނެ ކަމަށާއި، ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ދެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ފުރަތަމަ މަރުހަލާ ނިމުމަށްފަހު، ރަސްމީ ލިޔެކިޔުން ނެތި އުޅޭ ބިދޭސީން އެމްބަސީތަކާ ގުޅިގެން އަނބުރާ ފޮނުވާލުމަށް ވަނީ ނިންމާފައެވެ.
މި އޮޕަރޭޝަނަކީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ދާޚިލީ ވުޒާރާއާއި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ކުރާ މަސައްކަތުގެ ބައެކެވެ. މީގެ އިތުރުން، ބިދޭސީން ފިލާ މައްސަލައަށް ފިޔަވަޅު އެޅުމާ ގުޅޭ އައު އުޞޫލުތަކެއްވެސް އެކުލަވާލާފައިވެއެވެ.


