Tuesday, 28 July 2026
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ޓެކްސްއަށް ގެނައި ބަދަލާއި އެކު ވެސް، ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތައް މަރުހަބާ ކިޔާ ސަބަބެއް ނުވިސްނޭ: މައުރޫފް

ކުއްލިއަކަށް ޓެކްސްއަށް ގެނައި ބަދަލާއެކު ވެސް، ފަތުރުވެރިކަމުގެ ދާއިރާގެ އެކި އެކި ފަރާތްތައް އެކަމަށް ހިތްހަމަޖެހި އިއުތިރާޒެއް ނުކުރާ ސަބަބު ނުވިސްނޭކަމަށް ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ތިން އިސްލާހުގެ ތެރޭގައި ހިމެނެނީ ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިޔާދަކުރުމަށާއި، ޚާއްޞަކޮށް ދައުލަތަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރު ކުރުމަށް ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ނަގަމުން އަންނަ ޓެކުހުގެ މިންވަރު އިތުރު ކުރުމެވެ.

މި އިސްލާހުތަކުގެ ދަށުން، ގްރީން ޓެކްސް 50 އިންސައްތަ އިތުރުކުރުމަށް ނިންމާފައިވާއިރު، 50 ކޮޓަރިއަށްވުރެ މަދުން ހިންގާ ޓުއަރިޒަމް ޚިދުމަތްދޭ ތަންތަނުން ތިން ޑޮލަރުގެ ބަދަލުގައި ހަ ޑޮލަރު ނަގާ ގޮތަށް ނިންމާފައިވެއެވެ. އަދި ރިސޯޓުތަކުން ބޮލަކަށް ހަ ޑޮލަރުގެ ބަދަލުގައި 12 ޑޮލަރު ނަގާ ގޮތަށް ހުށަހަޅާފައިވާ އިސްލާހަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.

މައުރޫފް ވިދާޅުވީ ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާތަކުން ޓެކްސްތަކަށް ގެންނަ ކޮންމެ ބަދަލަކަށް ސްޓޭކްހޯލްޑަރުންނާއެކު މަަޝްވަރާ ކުރަންޖެހޭ ކަމަށެވެ. އެހެންނަމަވެސް، ޖުމްލަކޮށް ދާއިރާގެ އެއްވެސް އިއުތިރާޒެއް ބަދަލުތަކާ މެދު ނެތްނަމަ އޭނާ ކުރާނެ ޝަކުވާއެއް ނެތްކަމަށް ވިދާޅުވިއެވެ.

މައުރޫފް އިތުރަށް ވިދާޅުވީ، ފަތުރުވެރިންގެ އަތުން ނަގާ ފީތަކަށް ކުއްލިއަކަށް އަންނަ ބޮޑު ބަދަލާއެކު ލޯކަލް ޓޫރިޒަމްގެ ދާއިރާގެ ވިޔަފާރިވެރިންނަށްވެސް ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ. ނަމަވެސް، މި ބަދަލަށް ރުހި އެސޯސިއޭޝަންތަކާއި މުޅި ދާއިރާ އެއްކޮށް ތާއީދުކުރާ ސަބަބެއް ނުވިސްނޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ބަދަލުތަކާ ގުޅޭގޮތުން މަޒާޖީ މޭރުމަކުން ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، ސަރުކާރުން އިޤްތިޞާދު ސިންދަފާތު ކުރުމުގެ ނަމުގައި ކުރާ މި މަސައްކަތުން އަހަރު ނިމޭއިރު މުޅި ޤައުމު އެއްކޮށް ތަރައްޤީވެގެންދާނެ ކަމަށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *