Tuesday, 28 July 2026

ބަންދުގައި ތިބި ހަތަރު ޖަލު އޮފިސަރުން ދޫކޮށްލަން ދައުލަތުން އެއްބަސްވެއްޖެ

ކ. މާފުށީ ޖަލަށް ވަގަށް ފޯނާއި މަސްތުވާތަކެތި ވައްދައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދި ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ ހަތަރު މީހަކު ބަންދުން ދޫކޮށްލަން ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު އެއްބަސްވެއްޖެ އެވެ.

ޕީޖީ އިން މި ގޮތަށް އެއްބަސްވެފައި ވަނީ މިއަދު މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައެވެ.

މިދިޔަ ޖޫން މަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދައިގެން 73 މިލިއަނަށް ވުރެ ގިނަ ރުފިިޔާ އެކި ފަހަރު މަތިން ހޯދި މައްސަލާގައި ކަރެކްޝަންސްގެ 18 އަށް ވުރެ ގިނަ އޮފިސަރުން ހައްޔަރުކުރި ނަމަވެސް އެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ ފަސް މީހެއްގެ މައްޗަށެވެ.

އެއީ ރ. އުނގޫފާރު އައިވަރީހައުސް ޖިނާހް އަބްދުއްރަހީމާއި މ. ލަންދޫ ކާމިނީގޭ އަލީ އަސްފާގާއި ކ. މާފުށީ ބީޗްހައުސް އަލީ ޝަހީމާއި ގއ. ވިލިނގިލީ ކުއްޅަވައްގޭ މުހައްމަދު ފަތޫހު ފަތުހުﷲ އާއި ހދ. ނޭކުރެންދޫ ތަރާނާގޭ އަލީ ނާޒިމްގެ މައްޗަށެވެ.

އޭގެ ތެރެއިން ފަތޫހު ފިޔަވައި ދެން ތިބި އެންމެން އަދިވެސް ތިބީ ބަންދުގަ އެވެ.

މިއަދު އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައި އެ މީހުންގެ ދިފާއީ ވަކީލުން ބުނީ، އެ މައްސަލާގައި ހައްޔަރުކުރި އެހެން މީހަކު ކްރިމިނަލް ކޯޓުން ބަންދުކުރީ އިހްތިސާސެއް ނެތި، ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ނިންމާފައިވާ ކަމަށެވެ. އެ ހަތަރު މީހުން ވެސް ބަންދު ކޮށްފައި ވަނީ އެ އުސޫލުން ކަމަށް ވާތީ ހައި ކޯޓުގެ ހުކުމަށް ރިއާޔަތްކޮށް، އެ މީހުން ވެސް ބަންދުން ދޫކުރަން ވަކީލުން ވަނީ އެދިފައެވެ.

ދައުލަތުން ވެސް ބުނީ ހައި ކޯޓުގެ ހުކުމަށް ރިއާޔަތް ކުރާއިރު އެ މީހުން މިހާރު ބަންދުން ދޫކޮށްލަން ޖެހޭ ކަމަށެވެ. ނަމަވެސް މައްސަލާގެ ބާވަތަށް ބަލައި، އެ މީހުންގެ ޕާސްޕޯޓް ހިފެހެއްޓުމަށާއި އިތުރު ޝަރުތުތަކެއް ކުރަން ދައުލަތުން އެދުނެވެ.

އެ މީހުން ދޫކޮށްލަން ދައުލަތުން އެއްބަސްވުމުން، އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވަނީ އެ މީހުން ބަންދުކުރީ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ބުނެ ދައުލަތުން އެދިގެން ކަމަށާއި އެހެންވެ، މިހާރު އެ މީހުން ދޫކޮށްލަން އެއްބަސްވަނީ އެ މީހުންގެ ފަރާތުން ނުރައްކަލެއް ނެތް ކަމަށް ގަބޫލު ކުރެވިގެންތޯ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި ދައުލަތުން ބުނީ އޭރު ތަހުގީގު މަރުހަލާގައި ބަންދުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތަކެއް އޮވެގެން ކަމަށާއި ނަމަވެސް މިހާރު އެ ނުރައްކާތައް ކުޑަވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

ދެ ފަރާތުގެ ވާހަކަތަކަށް ފަހު ގާޒީ ޝަފީއު ވިދާޅުވީ އެ މައްސަލާގައި ބަންދާ މެދު ނިންމާ ނިންމެވުން ފަހުން އިއުލާން ކުރައްވާނެ ކަމަށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *