އިންޑިއާ އިން ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާބޯޓުތައް ދުއްވުމުގެ ތަމްރީނު ހެދި ދިވެހި ސިފައިންނަށް އެ އުޅަނދުތައް ދުއްވަން ނުދޭ ސަބަބު ހާމަކުރަން އެންމެފަހުން ސަރުކާރުން ނިންމައިފި އެވެ.
ބަލި މީހުން އުފަލަން ރާއްޖޭގައި ދުއްވާ ޑޯނިއާ ބޯޓުތައް ދުއްވަން އެންމެ ކުރިން އުޅުނީ އިންޑިއާގެ ސިފައިން ނެވެ. ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު އިންޑިއާގެ މަދަނީ މީހުން އެ ބޯޓުތައް ދުއްވަން ވަނީ ފަށައިފަ އެވެ.
ދިވެހި އޮފިސަރުން އެއްވެސް ވަރަކަށް ޑޯނިއާ ދުއްވިތޯ ސާފުކުރަން މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ނޫސްވެރިޔަކު ޑިފެންސް މިނިސްޓްރީއަށް ހުށަހެޅުމުން އެ މިނިސްޓްރީން ވަނީ އެ މައުލޫމާތަކީ ގައުމީ ސަލާމަތަށް ނުރައްކާ މައުލޫމާތެއް ކަމަށް ބުނެ އެ މައުލޫމާތު ހާމަނުކުރަން ނިންމާފަ އެވެ.
މި މައުލޫމާތުތައް ނުދިނުމަށް ޑިފެންސް މިނިސްޓްރީން ނިންމީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގައި ބަޔާންކުރަނީ އެ މައުލޫމާތެއް ހާމަކުރުމުން ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތު ސިއްރުކުރުމުގެ އިޚްތިޔާރު އޮންނާނެ ކަމަށެވެ.


