ރާއްޖޭގެ ކުރީގެ ބޮޑުވަޒީރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ސުމުއްވުލް އަމީރު އަލްމަރުޙޫމް އިބްރާހީމް ފާމުދޭރި ކިލެގެފާނުގެ ދަރިކަނބަލުން އައްނަބީލާ ޚަދީޖާ އިބްރާހީމް ދީދީ މިއަދު މެންދުރުގެ ވަގުތެއްގައި އައިޖީއެމްއެޗްގައި އަވަހާރަވެއްޖެއެވެ. އަވަހާރަވިއިރު އެކަމަނާގެ އުމުރުފުޅަކީ 68 އަހަރެވެ.
އައްނަބީލާ ޚަދީޖާ އިޖާ އިބްރާހީމް ދީދީ އަވަހާރަވެވަޑައިގަތީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށެވެ. އެކަމަނާ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެކަމަނާ އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.
އައްނަބީލާ ޚަދީޖާ އިބްރާހީމް ދީދީ ވަނީ ރާއްޖޭގެ ތަޢުލީމީ ދާއިރާއާއި، އަންހެނުންނަށް ކުރިއެރުމާއި ފުރުޞަތުތައް ފަހިކޮށްދިނުމުގެ ދާއިރާއާއި، ޚާރިޖީ ގުޅުންތަކުގެ ދާއިރާގައި ސަރުކާރަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައެވެ.
އައްނަބީލާ ޚަދީޖާ އިބްރާހީމް ދީދީގެ ނަމާއި ހަނދާން އާކޮށް، އެކަމަނާގެ ޚިދުމަތްތައް ފާހަގަކޮށް، ގިނަ ފަރާތްތަކުން ވަނީ އެކަމަނާގެ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ. އަދި އެކަމަނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ދުޢާ ކުރައްވާފައިވެއެވެ.


