ސައްހަ ނޫން، ބެންކު ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރުމާއި ޚިދުމަތް ހޯދުން ހުއްޓުވުމަށާއި، ވިޔަފާރި މުއާމަލާތްތަކުގައި އެންމެ އެކަށޭނަ ގޮތްތައް ވިޔަފާރިވެރިންނަށް ކިޔައިދީ ހޭލުންތެރިކުރުވުމަށް ފުލުހުންގެ ހިދުމަތުން “އޮޕަރޭޝަން ފޭކް ސްލިޕް” ގެ ނަމުގައި ހަރަކާތެއް ފަށައިފިއެވެ.
އެންޓި-ސްކޭމް ސެންޓަރުން ކުރިއަށްގެންދާ މި ހަރަކާތް ފެށުމަށް އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނާއި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ނެއިބަހުޑް ސަޕޯޓް އޮފިސަރުންނާއި ކޮލެޖްތަކުގެ ވޮލަންޓިއަރުން ބައިވެރިވިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނިގޮތުގައި މި ހަރަކާތަކީ އެންޓި-ސްކޭމް ސެންޓަރުން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
އެގޮތުން މި އޮކްޓޫބަރު މަސް ހާއްސަކޮށްފައިވަނީ ސައްހަ ނޫން ސްލިޕް ދެނެގަނެ ހޭލުންތެރިކުރުވުމަށް ކަމަށާޢި، މި މަސް ނިމޭއިރު، މާލެ އޭރިއާގެ ހުރިހާ ފިހާރައަކާއި ކެފޭ، ރެސްޓޯރެންޓު އަދި ހޮޓާތަކަށް ޒިޔާރަތްކޮށް މައުލޫމާތުދިނުމަށް ހަަމަޖެހިފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.
"މި ހަރަކާތުގައި، ޚިދުމަތް ހޯދުމަށްފަހު ސައްހަ ނޫން، ބެންކު ޓްރާންސްފަރ ސްލިޕް ހުށަހަޅާ ކަސްޓަމަރުން އިތުރުވެފައިވާކަން ފާހަގަކުރެވިފައިވޭތޯ ބެލުމާއި ބެންކު ޓްރާންސްފަރ މެދުވެރިކޮށް ވިޔަފާރިކުރަނީ ކިހާވަރަކަށްތޯ ދެނެގަނެ ހޭލުންތެރިކުރުވުމަށް މައުލޫމާތުދޭނެ އެވެ. އަދި ސައްހަކަން ކަށަވަރުކުރުމަށް ބެންކު ސްޓޭޓްމަންޓް ޗެކްކުރުން، މުއާމަލާތުގެ ރިފަރެންސް ބެލުން ފަދަ ކަންކަން ދެނެގަތުމާއި ސައްހަ ސްލިޕާއި ޝައްކުވާ ޓްރާންސްފަރ ސްލިޕްތައް ދެނެގަތުމަށް އަހުލުވެރިވެފައިވޭތޯ ބަލައި އިތުރަށް އަހުލުވެރިކުރުވުމަށް ވެސް މައުލޫމާތުދޭނެއެވެ." ފުލުހުން ބުނެފައި ވެއެވެ.
އޭގެ އިތުރުން، ޚިދުމަތް ހޯދައި ނުވަތަ މުދާ ވިއްކައި، ތަކެތި ދޫކުރުމުގެ ކުރިން ފައިސާ ދެއްކިކަން ޔަގީންކުރުމަށް ބެންކުގެ ރަސްމީ އެޕްލިކޭޝަން، އެސްއެމްއެސް ނުވަތަ އީމެއިލް ބޭނުންކުރޭތޯ ބެލުންވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދިއުމާޢި، އަދި ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ސައްހަނޫން ނުވަތަ ލަސްވާ، ބެންކް ޓްރާންސްފާތަކާ ގުޅޭ އެއްވެސް މައްސަލައެއް ކުރިމަތިވެފައިވޭތޯ ބަލައި ހޭލުންތެރިކުރުވުމަށް މައުލޫމާތުދިނުމުގެ އިތުރުން، މަކަރާއި ހީލަތުގެ އެއްވެސް ކަމެއް ދިމާވެއްޖެނަމަ ނުވަތަ ޝައްކުކުރެވޭ ކަމެއް ފާހަގަވެއްޖެނަމަ އަމަލުކުރާނެެގޮތާއި މިފަދަ ކަމެއް ދިމާވެއްޖެނަމަ މީހާގެ ސިފަތައް ދެނެގަތުމުގެ މުހިންމުކަމާ ގުޅޭގޮތުން ވެސް މައުލޫމާތުދޭނެކަމަށް ފުލުހުން ބުނެއެވެ.


