މިސްކިތްތަކުގައި ހިލޭ ސާބަހަށް ޤުރުއާން ކުލާސް ހިންގުމަށް ކުރިއަށްގެންދާ "މިސްކިތު ޤާރީ ކިލާސް"ގެ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.
މިސްކިތްތަކުގެ ދައުރު ފުޅާކުރުމުގެ މަގްސަދުގައި ހިންގަން ފެށި މަސައްކަތުގެ ތެރެއިން މިއަދު ފެށި އެ ޕްރޮގްރާމު 29 ތަނެއްގައި ހިންގަން ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެ އެވެ.
"މިސްކިތު ޤާރީ ކިލާސް"ގެ މަސައްކަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިލޭ ސާބަހަށް ޤުރުއާން ކިޔަވައިދޭން ޝައުގުވެރިވާ ފަރާތްތަކެއް ތިބިކަމީ އުފާ ކުރައްވާކަމެއްކަމަށެވެ. އަދި މަތިވެރި މިމަސައްކަތުން އިލްމީ މޮޅު ދަރިންތަކެއް އުފެދިގެން ދާނެކަމަށެވެ.
ބަލައިގެން ކިޔުމާއި ހިތުދަސްކުރުން ފުރަތަމަ ކުރިއަށްދާ ރަށްތަކުގެ ތެރޭގައި ހިމެނެނީ ލެ ސިޓީ، ހުޅުމާލެ، ވިލިމާލެ، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ހދ. ކުޅުދުއްފުށި، އދ. މަހިބަދޫ، ލ. އިސްދޫ، ތ. އޮމަދޫ، ނ. ވެލިދޫ، ހއ. ކެލާ، ގއ. ކޮނޑޭ، ށ. ފުނަދޫ، ބ. ތުޅާދޫ، ގދ. ނަޑެއްލާ، ސ. ފޭދޫ، ލ. މާވަށް، އދ. މާމިގިލި، އއ. ތޮއްޑޫ، ކ. ތުލުސްދޫ، ބ. ކުޑަރިކިލު، މ. މުލައް އަދި ތ. ކިނބިދޫ އެވެ.
އެ ޕްރޮގްރާމްގެ ދަށުން ހިންގާ ހުރިހާ ކުލާސްތަކެއްވެސް ހިންގާނީ ހިލޭ ސާބަހަށް ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ހިލޭ ސާބަހަށް ކުލާސް ހިންގައިދޭނެ ބައެއް ހޯދަންވެސް އެ މިނިސްޓްރީން އިއުލާން ކޮށްފައި ވެއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ހިލޭ ސާބަހަށް " މިސްކިތު ޤާރީ ކިލާސް" ހިންގުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.


