ނުރައްކާތެރިކޮށް ލޯންޗު ދުއްވި ތިން މީހެއްގެ ލައިސަންސް ހިިފަހައްޓައިފިއެވެ.
މިދިޔަ ހޮނިހިރު ވައިރަލްވި ވީޑިޔޯގައި ފެންނަނީ ރަށެއްގެ ފަޅަށް ވަނުމަށް ދެ ލޯންޗަކުން ރޭސް ޖަހާ މަންޒަރެވެ. އެގޮތުން، އެއް ލޯންޗުގެ ދުވެލި ބާރުކޮށް، އަނެއް ލޯންޗަށް ވުރެ ކުރިން ފަޅަށް ވަންނަތަން ފެނެއެވެ. ދެ ލޯންޗު ފަޅަށް ވަނީ ވަރަށް ކައިރިކައިރިންނެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖުގައި ފުލުހުން ބުނީ އެ މީހުންގެ ލައިސެންސް ވަގުތީގޮތުން ހިފެހެއްޓީ ހޮނިހިރު ދުވަހެވެ.
ފުލުހުން އިތުރަށް ބުނީ އެ މައްސަލައާ ގުޅޭ ލިޔުންތައް ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ މައްސަލައާ ގުޅިގެން އަޅާނެ ދާއިމީ ފިޔަވަޅެއް ނިންމާނީ އެ މިނިސްޓްރީން ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއިން ފެންނަ މަންޒަރަކީ މިދިޔަ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު އއ. އަތޮޅުގައި ހިނގާފައިވާ ކަމެއް ކަމަށް ފުލުހުން މީގެ ކުރިން ބުންޏެވެ.


