އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯން އެހީގައި ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 700 ހައުސިން ޔުނިޓް ނިންމައި އެ ގައުމުގެ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މި ވަގުތު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ދެއްވި ގުޅިފައިވާ ބަޔާނުގައި ވަނީ ބައެއް މަޝްރޫއުތައް އިފްތިތާހުކުރައްވައި އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފަ އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ދިން 227 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ)ގެ ލޯނު އެހީގައި ހުޅުމާލޭގައި 4،000 ހައުސިން ޔުނިޓު އަޅަން ހަވާލުކުރީ ކުރީގެ ސަރުކާރުގަ އެވެ. އެއީ، ހުޅުމާލޭގައި ކޭޕީއައިއެލް (ކުރީގެ ޖޭއެމްސީ ކުންފުނިން) އިން ހަދާ 16 ޓަވަރު އަދި އެންބީސީސީން ހަދާ 16 ޓަވަރެވެ.
ގެ އިތުރުން ވެސް ދެ ގައުމުގެ ދޭތެރޭގައި ފައިސާ ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ. އަދި އިތުރު ހަތަރު އެމްއޯޔޫއެއްގައި ވެސް ސޮއިކޮށްފައިވެ އެވެ. އެ އެމްއޯޔޫތަކަކީ:
- އިންޑިއާގެ ރަޝްތުރިޔާ ރަކްޝާ ޔުނިވަސިޓީ އާއި ރާއްޖޭގެ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް އާ ދެމެދު ވެފައިވާ އެއްބަސްވުން
- އިންޑިއާގެ ސެންޓްރަލް ބިއުރޯ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ދެމެދު ވެފައިވާ އެއްބަސްވުން؛ މިއީ ކޮރަޕްޝަން މަދުކުރުމަށް ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމަށް ސޮއިކޮށްފައިވާ ފަހުމުނާމާ އެއް
- އިންޑިއާގެ ނެޝަނަލް ޖުޑިޝަރީ އެކަޑަމީ (އެންޖޭއޭއައި) އާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އާއެކު ވެފައިވާ އެއްބަސްވުން އާކުރުން؛ މި ފަހުމުނާމާގެ ދަށުން ރާއްޖޭގެ ޖުޑީޝަލް އޮފިސަރުންނަށް ޓްރެއިނިން ދީ ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމް ހިންގާނެ
- ކުޅިވަރު ކުރިއެރުވުމަށްޓަކައި އިންޑިއާ ސަރުކާރާއި ސްޕޯޓްސް މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުން އާކުރުން


