ހަނިމާދޫ އެއާޕޯޓުގެ އައު ރަންވޭ އިފްތިތާހުކޮށްފި އެވެ.
ހަނިމާދޫ އެއާޕޯޓުގެ އައު ރަންވޭގެ މަޝްރޫ ނިންމުމަށްފަހު ރާއްޖެއަށް ޙަވާލުކޮށްފައިވަނީ ރައީސް މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް މުޢިއްޒު އާއި ބޮޑުވަޒީރު މޯދީއާ ދެމެދުގައި މިއަދު ކުރިއަށް ގެންދެވުނު ރަސްމީ މަޝްވަރާތަކަށްފަހުއެވެ.
މި ރަންވޭ ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދަ މޯދީ އެވެ.
ހަނިމާދޫ އެއަރޕޯޓުގެ އައު ރަންވޭގެ މަސައްކަތްތައް ފެށީ މިދިޔަ އަހަރުގެ ޖެނުއަރީމަހުއެވެ. މި މަޝްރޫޢުއަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ރީ-ޑިވެލޮޕްކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. މި ޕްރޮޖެކްޓްގައި އެންމެ ފުރަތަމަ ފެށީވެސް ރަންވޭގެ މަސައްކަތެވެ.
އައު ރަންވޭއަކީ 2465 މީޓަރުގެ ދިގު ރަންވޭއެކެވެ. އަލަށް ތަރައްޤީކުރާ ރަންވޭއާ ކުރީގެ ރަންވޭ އޮތް ސަރަޙައްދުގައި ފުށުއެރުންތަކެއް ހުރުމުގެ ސަބަބުން، އައު ރަންވޭގެ ފުރަތަމަ ފޭސްގައި 1200 މީޓަރުގެ ސަރަޙައްދު ތަރައްޤީކޮށް، އެ ބައި ބޭނުންކުރަން ހުޅުވާލީ މިއަހަރުގެ ޖެނުއަރީމަހުގެ 28 ވަނަ ދުވަހުއެވެ.
މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް އޭ 320 އާއި ބޮއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވޭނެކަމަށް ސަރުކާރުން ބުނެއެވެ. އަދި މިއީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ، ޒަމާނީ ރީތި ފަސިންޖަރ ޓަރމިނަލެއް ހިމެނޭ ޕްރޮޖެކްޓެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.


