ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ މި ދަތުރުފުޅަށް ރައީސް މުއިއްޒު ފުރާވަޑައިގަތީ އާދަކާދައާ އެއްގޮތަށް ރާއްޖޭގެ ރައީސުން އެ ގައުމަށް ކުރައްވާ މިފަދަ ދަތުރުފުޅުތަކަށް އިންޑިއާގެ ސަރުކާރުން ހަމަޖައްސައިދިން ހާއްސަ ފްލައިޓެއްގަ އެވެ.
ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޫޕަދީ އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ، އަދި އެ ގައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ އިތުރުން މުމްބާއީ އަދި ބެންގަލޫރަށް ރައީސް ވަޑައިގެން ވިޔަފާރީގެ މަޝްވަރާތައް ކުރައްވާނެ އެވެ.
ރައީސް މުއިއްޒުގެ އަރިހުގައި ވަޑައިގަތް، ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ހޯމް މިނިސްޓަރު އަލީ އިހްސާން އާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހިމެނިވަޑައިގަންނަވަ އެވެ.
ރައީސް ގެންދަވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާ ކުރައްވައި ތަރައްގީއަށް މުހިންމު ހުރިހާ ގައުމަކާ ވެސް ބަދަހި ގުޅުމެއް ދެމެހެއްޓުމަށް މަސައްކަތްޕުޅު ކުރައްވަމުންނެވެ.
އެގޮތުން ރައީސް ވަނީ ތިމާވެށްޓާ ބެހޭ ބައިނަލްއަގުވާމީ މަހާސިންތާ "ކޮޕް-28″ ގެ ހަވާސާގައި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާގެ ބޮޑު ވަޒީރު މޯދީއާ ބައްދަލުކުރައްވާފަ އެވެ.
ރައީސް މުއިއްޒު ދިއްލީ އަށް ވަޑައިގަންނަވާތީ އެ ގައުމުގެ މަގުތަކުގައި ދެ ގައުުމުގެ ދިދަ ޖަހައި ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފަ އެވެ. ރައީސަށް އިންޑިއާ އިން ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ މާދަމާ ހެނދުނެވެ.


