Tuesday, 28 July 2026
ފޮޓޯ: ޕީއެސްއެމް

ޓެކްސީ ދަތުރެއްގެ ތެރެއިން އިތުރު ފަސިންޖަރުން އަރުވާނަމަ ފިޔަވަޅު އަޅާނަން: ފުލުހުން

މާލެ – ޓެކްސީ ދަތުރެއް ކުރަމުންދާއިރު އިތުރު ފަސިންޖަރަކު އަރުވައިގެން ދަތުރުކުރުމަކީ މަނާކަމެއްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.

ޓެކްސީތަކުން ދަތުރުކުރާއިރު، އެއް ފަސިންޖަރެއް އިންދައި އިތުރު މީހުން އަރުވާ ކަމުގެ ޝަކުވާ އާންމުން ދަނީ ކުރަމުންނެވެ. އަދި މިގޮތަށް އަރުވާއިރު ފުރަތަމަ އަރާ އިން ފަސިންޖަރުގެ ހުއްދަ ނުހޯދާ ކަމަށްވެސް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާތީ، ރާއްޖެ 24 އިން ފުލުހުންގެ މީޑިއާއަށް ސުވާލުކުރުމުން، ފުލުހުން ވަނީ އެގޮތަށް އަމަލުނުކުރެވޭނެ ކަމަށް ބުނެފައެވެ.

އަދި އެއީ ޓެކްސީ ގަވާއިދުގެ 29 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތްކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ މާއްދާގައި ބަޔާންކޮށްފައިވަނީ "ދަތުރެއް ކުރަމުންދާއިރު، ކުރަމުންދާ ދަތުރުގައި ފަސިންޖަރަކު އިންދައި ނުވަތަ އެއް ފަސިންޖަރަށްވުރެ ގިނަ ފަސިންޖަރުން ތިއްބައި، އިތުރު ފަސިންޖަރެއް އަރުވައިގެން ދަތުރުކުރުމަކީ މަނާކަމެކެވެ" މިފަދައިންނެވެ.

މިފަދަ ޝަކުވާއެއް ފުލުހުންނަށް ލިބިއްޖެނަމަ ނުވަތަ މަގުމަތިން ޕެޓްރޯލްކޮށް ޗެކްކުރަމުންދާއިރު އެކަހަލަ ކަމެއް ފާހަގަކުރެވިއްޖެނަމަ، ޓެކްސީ ޤަވާޢިދުގެ 41 ވަނަ މާއްދާގެ ދަށުން އެފަރާތަކާމެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ގަވާއިދާ ޚިލާފަށް ޓެކްސީގެ ޚިދުމަތް ދިނުމަކީ ކުށެކެވެ. މިފަދަ ކުށެއް ކުރާ ފަރާތެއްގެ އަދަބަކީ، ފުރަތަމަ ފަހަރު ނަމަ 500 ރުފިޔާއިން ޖޫރިމަނާކުރުމެވެ. ދެވަނަ ފަހަރު ނަމަ 750 ރުފިޔާއިން ޖޫރިމަނާކުރުމެވެ. ތިންވަނަ ފަހަރު ނަމަ 1،000 ރުފިޔާއިން ޖޫރިމަނާކުރުމެވެ.

އިތުރަށް އެފަދަ ކުށެއް ތަކުރާރުކޮށްފިނަމަ، ކުށުގެ ބާވަތަށް ބަލައި، އެ ފަރާތެއްގެ ޓެކްސީގެ ޚިދުމަތް ދިނުމުގެ ލައިސަންސް ބާޠިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވާކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *