އުމުރުން ދުވަސްވީ މީހުން އަތުން މަކަރާއި ހީލަތުން ފޭރުމުގެ މައްސަލަތައް އިތުރުވަމުންދާތީ، ސަމާލުވުމަށް ފުލުހުން އާންމުންނަށް އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ މިއަދު ބުނެފައިވަނީ، އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިންގޭ މަކަރާއި ހީލަތުގެ ޢަމަލުތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މި ކަމުގައި އެންމެ ބޮޑަށް ފާހަގަވަނީ، އުމުރުން ދުވަސްވީ މީހަކާ ދިމާވުމުން، ދަންނަ މީހެއްގެ ގޮތުގައި ތަޢާރަފުވެ، އެ މީހުންގެ އިތުބާރު ހޯދުމަށްފަހު އެކި ތަންތަނަށް ގެންގޮސް، އެ މީހުންގެ އަތުން ފޭރުމުގެ މައްސަލަތައް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި އާންމު ރައްޔިތުންނާއި، ޚާއްޞަކޮށް އުމުރުން ދުވަސްވީ މީހުންނަށާއި އެ މީހުންގެ ޢާއިލާތަކުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ. އަދި މިފަދަ ކަމެއް ދިމާވެއްޖެނަމަ ނުވަތަ ތުހުމަތުކުރެވިއްޖެނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ އިމަޖެންސީ ނަންބަރު 119 އަށް ގުޅައި ރިޕޯޓުކުރުމަށްވެސް ފުލުހުން އެދިފައިވެއެވެ.
މީގެ އިތުރުން، ފޭކް ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރުމާއި ޑޮލަރު ވިއްކުމުގެ ސްކޭމްތައް އިތުރުވަމުންދާތީ، މި ކަންކަމަށްވެސް ސަމާލުވުމަށް ފުލުހުން ކުރިންވެސް އިލްތިމާސްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.


