Tuesday, 28 July 2026

ފުލުހުންގެ ހަރަކާތް އިތުރުކޮށް، ކޮންމެ ފަސް މިނިޓަކުން ފުލުހަކު ފެންނަން ޖެހޭނެ ގޮތަށް ކަނޑައަޅަނީ

މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތައް އިތުރުވަމުން ދިޔުމާއެކު ފުލުހުންގެ ހިދުމަތުގެ ޕޮލިސީއެއްގެ ގޮތުގައި، ރައްޔިތު މީހާ މަގުމައްޗަށް ނުކުމެ ދަތުރު ކުރަން ފަށައި ފަސް މިނިޓް ހޭދަވެގެން ދާއިރު ފުލުހަކު ފެންނަން ޖެހޭނެ ގޮތަށް ކަނޑައަޅާފައިވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

މިހާރު މާލެ ސަރަހައްދުގައި ކުރަން ފަށާފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ޝުޖާއު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ފުލުހުންގެ ހަރަކާތް އިތުރުކުރުމަށް މިހާރު ފަށާފައިވާ މަސައްކަތަކީ ވަކި ދުވަސްވަރަކަށް ކުރިއަށްގެންދާ މަސައްކަތެއް ނޫންކަމަށާއި، މިއީ ހުއްޓާލާނެ މަސައްކަތެއް ނޫންކަމަށެވެ.

އެގޮތުން މިވަގުތުވެސް 360 ފުލުހުން ތަމްރީންކޮށް ޚިދުމަތަށް ނެރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޝުޖާއު ވިދާޅުވިއެވެ.

"އެކަން ހާސިލުކުރުމަށް މިހާރު މި މަސައްކަތް ކުރަނި. އެގޮތުން، މިހާރު ޓްރޭނިންގ ހަދަމުންގެންދާ ފުލުހުން ޓްރޭނިންގއަށްފަހު އައުމުން މި މަގްސަދު ހާސިލް ކުރުމަށް އެ ފުލުހުން ފްރަންޓްލައިންގައި ހިދުމަތް ދޭން ފަށާނެ. މިކަން ދުވާލުގެ ބޮޑުބައެއްގައި ހާސިލް ވެގެންދާނެ،". ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ މާލެ ސަރަޙައްދުގައި ހިނގާ އެކްސިޑެންޓްތައް އިތުރުވަމުން ދިއުމާގުޅިގެން މާލެ ސަރަޙައްދު ބެލެހެއްޓުމުގައި ޚާއްސަ ސިޔާސަތުތަކެއް ކަނޑައަޅާ ތަންފިޒުކުރަން ފަށާފައިވާކަމަށެވެ.

އެ މަގްސަދު ހާސިލް ކުރުމަށްޓަކައި ތަމްރީންތަކުގައި މިހާރު ތިބި ފުލުހުންގެ ބެޗު ނިމުމުން މަގުތަކަށް ނެރޭނެ ކަމަށާއި ދުވާލުގެ ގިނަ ވަގުތުގައި ބޮޑު ބައެއް ފުލުހުން ބަލަމުން ދާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވިގޮތުގައި، މިހާރަށް ބަލާ ނަމަ މާލޭގެ މަގުތަކުގައި ބާރުބޮޑުވާ ގަޑިތަކުގައި 21 ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވާނެ އެވެ.

އޭގެ އިތުރުން ފުލުހުން ވަނީ މި މަސައްކަތްތައް މޮނިޓަރ ކޮށް ވިލަރެސް ކުރުމަށް ޒަމާނީ ކޮމިއުނިކޭޝަން ސެންޓަރެއް މާލެ އަދި ހުޅުމާލޭގައި ގާއިމްކޮށްފައެވެ. އަދި ސީނިއާ ފުލުހަކު މި ސެންޓަރުގަ 24 ގަޑިއިރު ޑިއުޓީ ކުރަމުން ގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *