Tuesday, 28 July 2026

ހިޒްބުﷲގެ ސެކްރެޓަރީ ޖެނެރަލް ހަސަން ނަސްރަﷲ އަވަހާރަކޮށްލައިފި

އިސްރާއީލުން ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ދިން ހަމަލާގައި ހިޒްބުﷲގެ ސެކެޓްރީ ޖެނެރަލް އަދި ލީޑަރު ހަސަން ނަސްރަﷲ އަވަހާރަވެފައިވާކަން އެ ޖަމާއަތުން ކަށަވަރުކޮށްދީފިއެވެ.

ބެއިރޫތުގެ ރަށްފުށު ސަރަހައްދެއް ކަމަށްވާ ދާހިޔާގައި އާންމުން ދިރިއުޅޭ ރެޒިޑެންޝަލް ބްލޮކަކަށް އިއްޔެ އިސްރާއީލުން ބާރުގަދަ ބޮމެއް އަޅައި ނަސްރަﷲ އަވަހާރަކޮށްލާފައިވާ ކަމަށް ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން ހިޒްބުﷲއިން އެއްވެސް އެއްޗެއް ނުބުނެ އެތައް ގަޑިއިރެއް ވި ފަހުން އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ދެންމެ ވަނީ ނަސްރަﷲ އަވަހާރަވެފައިވާކަން ކަށަވަރުކޮށްދީފައެވެ.

މިއީ ޣައްޒާ – އިޒްރޭލު ހަނގުރާމަ ފެށުނު ފަހުން ޣައްޒާގެ މިނިވަން ކަމަށް މަސައްކަތްކުރަމުންދާ އިސް ޖަމާއަތްތަކުގެ ލީޑަރުން ޔަހޫދީން އަވަހާރަކޮށްލި ދެވަނަ ފަހަރު ކަން ފާހަގަކޮށްލެވެއެވެ. ޔަހޫދީން ވަނީ މިދިޔަ ޖުލައި މަހު ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ ވެސް އީރާނުގައި ހުންނަވަނިކޮށް އަވަހާރަކޮށްލާފައެެވެ.

ހިޒްބުﷲ އިން އިޒްރޭލަށް ދޭ ހަމަލާތައް ރާވާ ހިންގާ މައި މަރުކަޒުތައް ކަމަށް ބުނެ ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދާހިޔާއަށް ވަރުގަދަ ހަމަލާތަކެއް އިޒްރޭލުން ވަނީ ދީފައެވެ. ފުލުފުލުގައި ވަރުގަދަ 10 ބޮމެއް ވައްޓާލައި 4 އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި 6 މީހަކު މަރުވެފައި ވާކަމަށާއި، 91 މީހަކު ޒަހަމްވެފައި ވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ލުބުނާނުގައި ތިބޭ ބައެއް ނޫސްވެރިންނާއި އާންމުން ބުނެފައި ވަނީ، ދާހިޔާއަށް ވައްޓާލި 10 ބޮމަކީ 2006 ގެ ފަހުން ލުބުނާނު ގުޑުވާލި އެންމެ ވަރުގަދަ ހަމަލާ ކަމަށެވެ. މި ހަމަލާގެ ފަހުންވެސް ބެއިރޫތުގެ ރަށް ބޭރުގެ އެކި ހިސާބުތަކަށް އިޒްރޭލުން ވަނީ ހަމަލާދީފައެވެ.

ފާއިތުވި 18 އަހަރުގެ ތެރޭގައި ނަސްރަﷲ ވަނީ ހިޒްބުﷲގެ ގެ ތަސައްވުރު ކުރިއަރުވައި، އެ ޖަމާއަތުގެ އަސްކަރިއްޔާ ފުޅާކޮށް، އުމްރާނީ ވަސީލަތްތައް ބިނާކޮށް، އެ ޖަމާއަތުގެ ހަތިޔާރު ވަރަށް ބޮޑަށް ފުޅާކުރަށްވާފަ އެވެ.

ހިޒުބުﷲ ލީޑަރު ކަމާއި ނަސްރަﷲ ހަވާލުވެވަޑައިގަތީ 1992 ވަނަ އަހަރު އޭރުގެ ހިޒްބުﷲ ލީޑަރު، އައްބާސް އަލް މުސާވީ އަވަހާރަކޮށްލުމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *