މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރިކްރިއޭޝަންގެ މިނިސްޓަރ އަލްފާޟިލް މުޙައްމަދު ރާފިޢު، ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރ އެކްސެލެންސީ މުނޫ މަހާވަރާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރިކްރިއޭޝަންގައި ބޭއްވުނު މި ބައްދަލުވުމުގައި، ދެ ޤައުމުގެ ދެމެދުގައި ކުޅިވަރުގެ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
މި ގޮތުން، ދިވެހި ކުޅިވަރުވެރިންނަށް އިންޑިއާގައި ތަމްރީނުވުމުގެ ފުރުސަތުތައް ހޯދައިދިނުމާއި، ދިވެހިރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމުގައި އިންޑިއާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެވުނުކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި ބައްދަލުވުމުގައި ދެ ފަރާތުން ވެސް އެއްބަސްވެވަޑައިގަތީ ކުރިއަށް އޮތް ތަނުގައި މި ދާއިރާއިން އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމަށެވެ. މީގެ އިތުރުން، ދެ ޤައުމުގެ ކުޅިވަރުވެރިންގެ މެދުގައި އެކުވެރިކަމުގެ މުބާރާތްތައް ބޭއްވުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.


