ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ހިމެނޭ ވަފުދެއް ގއ. ދާންދޫއަށް ދިޔުމުން، އެ ރަށުގެ މަސްވެރިން އިހުތިޖާޖުކޮށް މިނިސްޓްރީގެ އެ ޓީމު ރަށުން ފޮނުވާލައިފިއެވެ. މި ވަފުދު ދާންދޫއަށް ގޮސްފައިވަނީ މަސް ދޯނިފަހަރުގައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫޢުއާ ބެހޭ މަޢުލޫމާތު ދިނުމަށެވެ. މި ހާދިސާއާ ގުޅޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި ފެތުރެމުންދާކަން ފާހަގަކުރެވެއެވެ. މި ވީޑިއޯތަކުގައި މަސްވެރިންގެ ނުރުހުމާއި، މިނިސްޓްރީގެ ވަފުދު ރަށުން ފޮނުވާލި މަންޒަރުތައް ދައްކުވައިދެއެވެ.
ދާންދޫގެ މަސްވެރިޔަކު ބުނެފައިވަނީ މަސްވެރިންނަށް ދޭންޖެހޭ އެތައް ލައްކަ ރުފިޔާއެއް ސަރުކާރުން ނުދީ އޮތް ކަމަށާއި، އެ ފައިސާ ނުދެނީސް މިނިސްޓްރީގެ އެއްވެސް ވަފުދެއް ރަށަށް އެރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. އަދި މަސްވެރިންނަށް ވެފައިވާ ވަޢުދާ އެއްގޮތަށް ކިރާފައި ހުރި މަހަށްވާ ފައިސާ ދޫނުކޮށް ލަސްވަމުންދާތީ މަސްވެރިން ކަންބޮޑުވާ ކަމަށާއި، މަސްވެރިން ތިބީ ދަރަނިވެރިވެފައި ކަމަށް އެ މަސްވެރިޔާ ފާހަގަކޮށްފައިވެއެވެ.
ސަރުކާރުން ކުރިން ބުނެފައިވަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ލަސްވެގެން ދެ ހަފްތާ ތެރޭގައި ޖަމާކޮށްދޭނެ ކަމަށެވެ. ނަމަވެސް މިހާރު ދެ މަސްވަރު ވެފައިވާއިރުވެސް ފައިސާ ދޫކޮށްފައި ނުވާ ކަމަށް މަސްވެރިން ބުނެއެވެ. މީގެ ކުރިންވެސް މިފަދަ މައްސަލައެއްގައި މަސްވެރިން މުޒާހަރާކުރުމުން، ސަރުކާރަށް ޕޕްރެޝަރު ބޮޑުވެގެން އެއްފަހަރާ ހުރިހާ ފައިސާއެއް ދޫކޮށްފައިވާކަން ފާހަގަކުރެވެއެވެ.


