Wednesday, 28 October 2026

ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 16 ބިދޭސީން ހައްޔަރުކޮށް، 3 ކެފޭއަކަށް ނޯޓިސް

މި މަހުގެ 24 އަދި 25 ވަނަ ދުވަހު އިމިގްރޭޝަންގެ ޓާސްކް ފޯސްއިން ވަނީ ހުޅުމާލޭގެ ފޭސް 1 ގައި ހިންގަމުންދާ 6 ކެފޭ އަދި ހޮޓާ ބަލައި ފާސްކޮށްފައެވެ. މި އޮޕަރޭޝަނުގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 16 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. މީގެ އިތުރުން، ނަގަންޖެހޭ ބައެއް ހުއްދަތައް ނުނަގާ ހިންގަމުންދިޔަ 3 ކެފޭއަކަށް ކަމާ ގުޅުންހުރި އިދާރާތަކުން ވަނީ ނޯޓިސް ދީފައެވެ.

މި އޮޕަރޭޝަނަކީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ތަންތަނުގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަންގެ ޓާސްކް ފޯސްއިން ކުރިއަށްގެންދާ މަސައްކަތުގެ ބައެކެވެ. ވޭތުވެދިޔަ މަސްތަކުގައި މިފަދަ އޮޕަރޭޝަންތަކުގެ ސަބަބުން ވަރަށް ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށް، ޑިޕޯޓްކޮށްފައިވާކަން ފާހަގަކުރެވެއެވެ.

އިމިގްރޭޝަންގެ މަޢުލޫމާތު ދެއްވދެއްވި ފަރާތަކުން ބުނީ މި މަސައްކަތަކީ ރާއްޖޭގެ އާންމު ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ޤާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މި މަސައްކަތުގެ ސަބަބުން ގަވާއިދާ އެއްގޮތަށް މަސައްކަތްކުރާ ބިދޭސީންނަށް އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެކަމަށްވެސް އެ ފަރާތުން ފާހަގަކުރިއެވެ.

އިމިގްރޭޝަންގެ ޓާސްކް ފޯސްގެ މި މަސައްކަތް ކުރިއަށް އޮތް ތަނުގައިވެސް ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައިވާ ކަމަށް އެ ފަރާތުން މަޢުލޫމާތު ދެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *