Tuesday, 28 July 2026

ދާއިމީ މެންބަރުންނަށް ލިބިގެންވާ ވީޓޯ ބާރު އުވާލުމަށް ސަލާމަތީ މަޖިލީހުގައި ރައީސް ގޮވާލައްވައިފި

އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުންނަށް ދީފައިވާ ވީޓޯކުރުމުގެ ބާރު އުވާލުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ. ރައީސް މިހެން ވިދާޅުވީ އދ. ގެ ސަލާމަތީ މަޖިލީހުގައި ދެއްވި ތާރީޚީ ބަޔާނުގެ ތެރެއިންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ސަލާމަތީ މަޖިލީހުގެ ނާގާބިލްކަމުގެ ސަބަބުން އދ. ގެ ނިޒާމަށް ދުނިޔެއިން ކުރާ އިތުބާރު ގެއްލެމުންދާ ކަމަށެވެ. އަދި ސަލާމަތީ މަޖިލީހަށް އޮތް އިތުބާރު ގެއްލެމުންދަނީ، ހަމަހަމަކަމާއެކު ތަމްސީލުކުރުމާއި، ޖަވާބުދާރީވުމާއި، ދެފުށްފެންނަ ގޮތަށް މަސައްކަތްކުރަން ނުކުޅެދިފައިވާތީ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފަލަސްތީނުގެ ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް އިޝާރާތްކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ސަލާމަތީ މަޖިލީހަށް ފެންނަ ފަށުގައި ނަސްލު ނައްތާލުމުގެ ޢަމަލުތައް ހިނގަމުންދާއިރުވެސް، ބައިނަލްއަޤުވާމީ ޤާނޫނު ނެގެހެއްޓުމުގައި އެ މަޖިލިސް ނުކުޅެދިފައިވާ ކަމަށެވެ. އަދި ފަލަސްޠީނުގެ ނަސްލު ނައްތާލުމަށް އިސްރާއީލުން ހިންގާ ޤަތުލުއާންމު ހުއްޓުވުމަށް ސަލާމަތީ މަޖިލީހަށް ލިބިފައިވާ ބާރު ކަނޑުވާލަނީ ވީޓޯގެ ބާރުންކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މައްސަލަ ޙައްލުކުރުމަށް ރައީސް މުއިއްޒު ހުށަހެޅުއްވީ، މި ހިނދުން ހިނދަށް ހައްލު ހޯދައިދެވޭނެ ނިޒާމެއްގެ ތެރެއިން، މުޅި ބައިނަލްއަޤުވާމީ މުޖުތަމަޢުން އީޖާދީ ޙައްލު ހުށަހެޅޭނޭ އޮނިގަނޑެއް ބިނާކުރުމަށެވެ.

މިއީ އދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި ރާއްޖެ ހޭދަކޮށްފައިވާ 59 އަހަރު ދުވަހުގެ ތެރޭގައި، އެ ޖަމްޢިއްޔާގެ ސަލާމަތީ މަޖިލީހުގައި ދިވެހި ރައީސަކު ބަޔާނެއް އިއްވެވި ފުރަތަމަ ފަހަރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *