މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހުޅުމާލޭގައި ހިންގަން ނިންމި ހައުސިންގ މަޝްރޫޢުގެ ޑިޒައިންގެ މަސައްކަތް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ އިއްޔެ ހަވާލުކޮށްފިއެވެ.
"ނިއަމް ރެސިޑެންސް" ގެ ނަމުގައި ހިންގާ މި މަޝްރޫޢުގެ ޑިޒައިން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ދެ ކުންފުނީގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު ހަމްދާން ޝަކީލެވެ. ހައްޖު ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަކީލެވެ.
މި އެއްބަސްވުމުގެ ދަށުން އެފްޑީސީން ފޯރުކޮށްދޭނީ އާކިޓެކްޗަރަލް އަދި އިންޖިނިއަރިންގ ޑިޒައިންތަކާއި ކުރެހުންތަކެވެ. އަދި ކޮންސަލްޓެންސީގެ ޚިދުމަތްވެސް ފޯރުކޮށްދޭނެއެވެ.
ހައްޖު ކޯޕަރޭޝަނުގެ އެމްޑީ ޝަކީލް ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން އިމާރާތްކުރާ އެޕާޓްމަންޓްތައް ގަތުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާނެއެވެ. ނަމަވެސް، މަޝްރޫޢުގެ އިތުރު ތަފްސީލުތަކެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.
އެފްޑީސީން މީގެ ކުރިން ވަނީ އިސްލާމިކް މިނިސްޓްރީ އަދި މޯލްޑިވް ގޭސްއާއެކުވެސް މިފަދަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. އެފްޑީސީގެ މެންޑޭޓަށް އައި ބަދަލާއެކު، ކުންފުނިން އާމްދަނީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.
"މި މަޝްރޫޢުތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމަކީ، މި ދާއިރާއިން އިތުރު ފުރުސަތުތައް ހުޅުވި، މި ކުންފުންޏަކީ ފައިދާ ލިބޭ ކުންފުންޏަކަށް މަގުފަހިވެގެންދާނެ ކަމެކެވެ،" އެފްޑީސީން ބުނެފައިވެއެވެ.


