ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ޕަބްލިކް ހެލްތު އިމަރޖެންސީ އެލާޓެއް ނެރުމަށް މަޖުބޫރުކުރުވި އެމްޕޮކްސްގެ އައު ވޭރިއަންޓުގެ ފުރަތަމަ ކޭސް އިންޑިޔާއިން ރިޕޯޓުކޮށްފިއެވެ.
ކްލޭޑް 1ބީ ގެ ނަންދީފައިވާ މި އައު ވެރިއަންޓަކީ ވަރަށް ފަސޭހައިން ފެތުރޭ އަދި އެފްރިކާގައި އެމްޕޮކްސް ފެތުރުމާއި ގުޅުވާފައިވާ ވެރިއަންޓެކެވެ. މީޑިއާ ރިޕޯޓުތަކުން ބުނާގޮތުގައި، މި ސްޓްރެއިން ފެނިފައިވަނީ ފަހުން ދުބާއިން އެނބުރި އައި ދެކުނުގެ ކެރަލާ ސްޓޭޓުގެ 38 އަހަރުގެ ފިރިހެނެއްގެ ކިބައިންނެވެ.
ކުރިން މަންކީޕޮކްސް ގެ ނަމުގައި އެނގިފައިވާ އެމްޕޮކްސްއަކީ ހަމުގައި ވޭންދެނިވި ފާރުތަކެއް އުފެދޭ ގައިންގަޔަށް އަރާ ބައްޔެކެވެ. އެމްޕޮކްސްއަކީ އޯގަސްޓް މަހު އެފްރިކާގައި ޕަބްލިކް ހެލްތު އިމަރޖެންސީއެއްގެ ގޮތުގައި ޑަބްލިޔުއެޗްއޯ އިން އިޢުލާންކުރި ބައްޔެކެވެ.
އޭގެ ފަހުން، މި ނުރައްކާތެރި ވެރިއަންޓް އެފްރިކާ ބައްރުން ބޭރުގެ ޤައުމުތަކަށް، އޭގެ ތެރޭގައި ސްވީޑަން، ތައިލެންޑް އަދި ޕާކިސްތާން ހިމެނޭ ގޮތަށް ފެތުރިފައިވެއެވެ.
އަންގާރަ ދުވަހު، ހެލްތު މިނިސްޓްރީގެ ސްޕޯކްސްޕަރސަން މަނީޝާ ވަރމާ އާއި ހަވާލާދީ ރޮއިޓަރސްއިން ބުނިގޮތުގައި ކެރަލާގެ މަލަޕުރަމް ޑިސްޓްރިކްޓުން ރިޕޯޓުކުރެވުނު އެމްޕޮކްސް ކޭސްއަކީ ކްލޭޑް 1 އަށް ނިސްބަތްވާ ކޭސްއެކެވެ. އޮތޯރިޓީތަކުން ބުނާ ގޮތުގައި، މި ބަލިމީހާ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އޭނާ ގުޅުން ބޭއްވި މީހުން ހޯދައި މޮނިޓަރކުރެވެމުންދެއެވެ.
ޑިސްޓްރިކްޓުގެ ހެލްތު އޮފިސަރު ބުނާ ގޮތުގައި، ބަލިމީހާގެ ގާތްގަނޑަކަށް 29 ރައްޓެހިންނާއި ޢާއިލާގެ މެންބަރުންނާއި އޭނާ ދަތުރުކުރި ފްލައިޓުގައި ތިބި 37 ފަސިންޖަރުން މޮނިޓަރކުރެވެމުންދާއިރު، މިހާތަނަށް އެއްވެސް މީހެއްގެ ކިބައިން އެއްވެސް ޢަލާމާތެއް ފެނިފައިނުވާކަމަށް ނިއުސް އެެޖެންސީއިން ރިޕޯޓުކޮށްފައިވެއެވެ.
ވޭތުވެދިޔަ ދެ އަހަރު ތެރޭގައި، އިންޑިޔާއިން 30 އަށްވުރެ ގިނަ އެމްޕޮކްސް ކޭސް ރިޕޯޓުކޮށްފައިވެއެވެ. މި ކޭސްތަކަކީ ކުރީގެ ކްލޭޑް 2 ސްޓްރެއިންއެވެ. މި ސްޓްރެއިން ބެލެވެނީ އެހާާ ފަސޭހައިން ފެތުރޭ އެއްޗެއް ނޫން ކަމަށެވެ.
މި މަހުގެ ކުރީކޮޅު، އުތުރުގެ ހަރިޔާނާ ސްޓޭޓުގެ ފިރިހެނެއްގެ ކިބައިން އެމްޕޮކްސް ސްޓްރެއިން ފެނުނެވެ. އޭނާ ހޮސްޕިޓަލުގައި އެތައް ދުވަހެއް ވަންދެން އެޑްމިޓްކުރެވުނެވެ.
އެމްޕޮކްސް ފެތުރެނީ ޖަނަވާރުންގެ ކިބައިން އިންސާނުންނަށާއި، އަދި އިންފެކްޓްވެފައިވާ މީހަކާ ގާތް ގުޅުމެއް އޮތުމުގެ ސަބަބުން މީހުންގެ މެދުގައެވެ. މީގެ ތެރޭގައި ޖިންސީ ގުޅުން، ހަމުން ހަމަށް ބީހުން، އަދި އެހެން މީހަކާ ކައިރީގައި ވާހަކަދެއްކުން ނުވަތަ ނޭވާލުން ހިމެނެއެވެ.
މި ބަލީގެ ޢަލާމާތްތަކުގެ ތެރޭގައި ހުންއައުން، މަސްތަކުގައި ރިއްސުން، ލިމްފް ނޯޑްތައް ދުޅަވުން އަދި މުޅި ހަށިގަނޑުގައި ފާރުތައް އުފެދުން ހިމެނެއެވެ. ފަރުވާ ނުކޮށްފިނަމަ، އެމްޕޮކްސްއަކީ މަރުވުމަށް މަގުފަހިވެދާނެ ބައްޔެކެވެ.


