އދ. ގެ 79 ވަނަ އާންމު މަޖިލީހުގެ އަރިމަތީގައި، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޑރ. މުޙައްމަދު މުޢިއްޒު، ފަލަސްތީނު ދައުލަތުގެ ރައީސް ޑރ. މަޙްމޫދު އައްބާސްއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސް އައްބާސް ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ވަރުގަދަ މެސެޖެއް ދެއްވައިފައެވެ.
އެގޮތުން އައްބާސް ވަނީ ހަނގުރާމަ ހުއްޓުވުމަށް އެދެނީ އަހަރެމެންނަކީ އިންސާނުންކަމަށް ވާތީކަމަށް ވިދާޅުވެ، ފަލަސްތީނު ރައްޔިތުންގެ ހާލަތާ ގުޅޭގޮތުން ދުނިޔޭގެ އެހީތެރިކަމާއި އެއްބާރުލުމަށް ގޮވާލެއްވިއެވެ.
ރައީސް ޑރ. މުޢިއްޒު، ފަލަސްތީނަށް ދިވެހިރާއްޖެއިން ކުރެވެން އޮތް ހުރިހާ ގޮތަކުން އެހީތެރިވާނެކަން އަލުން ކަށަވަރުކޮށްދެއްވިއެވެ. އަދި ފަލަސްތީނު ރައްޔިތުންނަށް އެބައިމީހުންގެ ހައްޤުތައް ލިބޭނެކަމުގެ އުންމީދު ފާޅުކުރައްވައި، ފަލަސްތީނަކީ މިނިވަން ޤައުމެއްގެ ގޮތުގައި ބައިނަލްއަޤްވާމީ ގޮތުން ބަލައިގަތުމަށް ދިވެހިރާއްޖެއިން މަސައްކަތްކުރާނެކަމަށް ވަޢުދުވެވަޑައިގަތެވެ.
ރައީސް އައްބާސް، ދިވެހިރާއްޖެއިން ދެމުންގެންދާ ދިގު މުއްދަތުގެ އެހީތެރިކަމަށް ޝުކުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ފަލަސްތީނު ރައްޔިތުންނަށް ދިވެހިރާއްޖެއިން ދެއްވާ އެހީތެރިކަމާމެދު އަބަދުވެސް ހޭލުންތެރިވާކަމަށައި،އަދި ރާއްޖެއިން ދޭ ދެމިގެންދާ އެއްބާރުލުމަށް އަގުވަޒަންކުރާކަމަށް ވިދާޅުވިއެވެ.
ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ބެހޭގޮތުންވެސް ދެ ލީޑަރުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިމުނީ ދެ ރައީސުންވެސް ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައި އެކުގައި މަސައްކަތްކުރުމަށާއި ދިވެހިރާއްޖެއާއި ފަލަސްތީނާ ދެމެދު އޮންނަ ޑިޕްލޮމެޓިކް ގުޅުން އިތުރަށް ހަރުދަނާކުރުމަށް އަޒުމު ކަނޑައެޅުއްވުމާއެކުގައެވެ.


