ފެނަކަ ކޯޕަރޭޝަނަށް ގެއްލުންވާތީ 16 ރަށެއްގައި ކުރިއަށްގެންދަން ނިންމާފައިވާ ޕްރޮޖެކްޓުތައް ބާތިލުކޮށްފި އެވެ.
ފެނަކައިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޑިރެކްޓަރު އަބްދުލް ވާހިދު މުހައްމަދު ވިދާޅުވީ، ކުރީ ސަރުކާރުން ފެނަކައާ ހަވާލުކުރި 16 ރަށެއްގެ ނަރުދަމާ ޕްރޮޖެކްޓްގެ މަސައްކަތްތައް އެއްބަސްވި ގޮތަށް ކުރިއަށް ނުގެންދާތީ، ކޮންސްޓްރަކްޝަން މިނިސްޓްރީއާ ދެމެދު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށްފައިވާ ކަމަށެވެ.
އެއްބަސްވުން ބާތިލު ކޮށްފައިވާ ރަށްތަކަކީ ބ. ދޮންފަނާއި ބ. ފެހެންދޫ އާއި ބ.ފޮޅަދޫ އާއި ބ. ކުޑަރިކިލާއި ބ. ކިހާދޫ އާއި ށ. ބިލަތްފައްސާއި ށ. ނޫމަރާ އާއި ނ. ލަންދޫ އާއި ނ. މިލަންދޫ އާއި ނ. މަގޫދޫ އާއި ތ. މަޑިފުއްޓާއި ތ. ދިޔަމިގިއްޔާއި މ. ރަތްމަންދޫ އާއި މ. ނާލާފުއްޓާއި ލ. ކުނަހަންދޫ އަދި އދ. ފެންފުއްޓެވެ.
ވާޙިދު ވިދާޅުވީ ނަރުދަމާ ޕްރޮޖެކްޓަށް މިހާތަނަށް އެޑްވާންސް ފައިސާގެ ގޮތުގައި 92 މިލިއަން ރުފިޔާ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ ޕްރޮޖެކްޓްތަކުގެ ހިސާބު ކިތާބު ރަނގަޅަށް ބެލެހެއްޓިފައި ނެތްކަމަށްވެސް ވާޙިދު ވިދާޅުވިއެވެ.
މީގެއިތުރުން އެ ޕްރޮޖެކްޓުތައް ކުރިއަށް ގެންގޮސްފިނަމަ އެ ކުންފުންޏަށް ގާތްގަނޑަކަށް 170 މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށާއި ބާތިލުކުރި ޕްރޮޖެކްޓްތަކުގެ ދަށުން ކޮންޓްރެކްޓަރުން މިހާތަނަށް ދޫކޮށްފައިވަނީ 55 މިލިއަން ރުފިޔާ ކަމަށް ވިދާޅުވި އެވެ. އަދި މިވަގުތަށް މަސައްކަތް ނިންމައި، ފެނަކައިން ޒިންމާވާން ޖެހޭ 384 މިލިއަން ރުފިޔާ އެބައޮތް ކަމަށްވެސް ވާހިދު ވިދާޅުވި އެވެ.


