ރާއްޖޭގެ މަތީ ތައުލީމް ދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ ހުރިހާ އިމްތިހާނުންތަކުން 50 ޕަސެންޓް، ފާސްވާންޖެހޭގޮތަށް އެމްކިއުއޭގެ އެކްރިޑޭޝަން އުސޫލަށް ބަދަލުގެނައުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ބުނެފިއެވެ.
ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި އެމް.ކިއު.އޭ ގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވީ ކޯސްތަކުގެ އިމްތިހާންތަކުން 50 ޕަސެންޓް ފާސްވުން މަޖުބޫރު ކުރުމަށް ނިންމަނީ ކޯސްތަކުގައި ދަރިވަރުންނަށް ހަވާލުކުރާ އެސައިމަންޓްތައް އެހެން މީހުން ލައްވާ ތައްޔާރުކުރުމުގެ މައްސަލަ ޙައްލު ކުރުމުގެގޮތުން ކަމަށެވެ.
މި އުސޫލު ވަރަށް އަވަހަށް ގެޒެޓުކުރާނެކަން ހާމަކޮށް ފިޒާނާ ވިދާޅުވީ އެ ބަދަލު ގެނައުމަށް ނިންމާފައިވަނީ މަތީ ތައުލީމް ދޭ މަރުކަޒުތަކުގެ އިސްވެރިންނާ ބައްދަލުކޮށް މަޝްވަރާކުރުމަށްފަހު ކަމަށެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިހާރު ގެޒެޓްކޮށްފައިވާ "މަތީ ތަޢުލީމާއި ތަމްރީންދޭ މަރުކަޒުތަކާ ބެހޭގޮތުން ހުށަހަޅާ ޝަކުވާތައް ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު" ގައި ވާގޮތުން މަތީ ތަޢުލީމް ފޯރުކޮށްދޭ މަރުކަޒެއްގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަކުރަންޖެހޭ އެކަޑަމިކް މަސައްކަތެއް އަގަށް ނުވަތަ އެނޫންވެސް ގޮތަކަށް އެހެން ފަރާތަކުން ކޮށްދިނުމާއި ކޮށްދިނުމަށް ހުށައެޅުމަކީ މަނާކަމެކެވެ.


