ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީ (އެމްއެންޔޫ) ގައި ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން ސްކޭމް ކޯލްތަކެއް ކުރަމުންދާ ކަމަށް އެ ޔުނިވަސިޓީން މިއަދު ހާމަކޮށްފިއެވެ.
ޔުނިވަސިޓީން ދަރިވަރުންނަށް ފޮނުވި އީމެއިލްގައި ބުނެފައިވާގޮތުން މި ސްކޭމް ކޯލްތައް ގިނައިން އަމާޒުކުރަނީ މެޑިކަލް ދާއިރާގައި ކިޔަވާ ދަރިވަރުންނަށެވެ. މި ކޯލްތަކުގައި ސޯޝަލް މީޑިއާ އެކައުންޓް ރިކަވަަވަރ ކުރަން ނުވަތަ ސިމް ކާޑު އަޕްޑޭޓް ކުރަން ބޭނުންވާ ކަމަށް ބުނެ، އޯޓީޕީ (ވަން-ޓައިމް ޕާސްވޯޑް) އަށް އެދޭ ކަމަށް ޔުނިވަސިޓީން ފާހަގަކުރިއެވެ.
މިފަދަ ކޯލެއް ލިބިއްޖެނަމަ ޢަމަލުކުރަންވީ ގޮތްތަކެއްވެސް އެމްއެންޔޫއިން ވަނީ ދަރިވަރުންނަށް އަންގާފައެވެ. އެގޮތުން، އެއްވެސް ޒާތީ މަޢުލޫމާތެއް ހިއްސާނުކުރުމަށާއި، ކޯލް ދިގުނުކޮށް ވަގުތުން ކަނޑާލުމަށް އަދި ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަށް ޔުނިވަސިޓީން ވަނީ އިރުޝާދު ދީފައެވެ.
މި ކޯލްތަކަށް ދަރިވަރުން ސަމާލުވުމަށް އެމްއެންޔޫއިން ވަނީ އިލްތިމާސްކޮށްފައެވެ.


