ސަޢޫދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުގެ މިލްކިއްޔާތުގައިވާ ކުޅިވަރު އިންވެސްޓްމަންޓް ކުންފުންޏަކުން ޔޫރަޕްގެ އެންމެ މަތީ ފަންތީގެ ބާސްކެޓްބޯޅަ މުބާރާތް ކަމުގައިވާ ޔޫރޯލީގްގެ ހިއްސާ ވިއްކުމުގެ މަރުހަލާއަށް ވަދެއްޖެއެވެ. ޔޫރޯލީގުން ދާދިފަހުން ވަނީ 1 ބިލިއަން ޔޫރޯގެ އަގުގައި މަދު ހިއްސާއެއް ވިއްކަން ބޭނުންވާކަން އިއުލާންކޮށްފައެވެ.
925 ބިލިއަން ޑޮލަރުގެ ޕީ.އައި.އެފްގެ މިލްކިއްޔާތުގައިވާ ސަރްޖް (SURJ) ސްޕޯޓްސް އިންވެސްޓްމަންޓުން، ޖެނެރަލް އެޓްލާންޓިކް ޕްރައިވެޓް އިކުއިޓީ ފަރުމާއާއެކު ޔޫރޯލީގްގެ ހިއްސާ ގަތުމަށް ބީލަން ހުށަހެޅުމަށް ތައްޔާރުވަމުން ދާކަމަށް މި މައުލޫމާތު އެނގޭ ފަރާތްތަކުން ބުނެއެވެ.
މިހާރު ހިނގަމުންދާ ވިއްކުމުގެ މަރުހަލާގައި އެމީހުން ވާދަކުރަނީ ޕްރައިވެޓް އިކުއިޓީ ގްރޫޕް ބީ.ސީ ޕާޓްނަރސްއާ އެކުގައެވެ. ބީ.ސީ ޕާޓްނަރސްއިން ވަނީ އެމީހުންގެ ކުޅިވަރު ޕޯޓްފޯލިއޯ ފުޅާކުރަމުން ގެންގޮސް، ފަހުން ޖީ.އެސް.އީ ވޯލްޑްވައިޑް ކުޅިވަރު އޭޖެންސީގެ ހިއްސާއެއްވެސް ގަނެފައެވެ.
ޔޫރޯލީގާއި ދެވަނަ ފަންތީގެ ޔޫރޯކަޕްގެ ވެރިފަރާތް ކަމުގައިވާ ޔޫރޯލީގް ކޮމާޝަލް އެސެޓްސްގެ ހިއްސާދާރުން ބޭނުންވަނީ ގާތްގަނޑަކަށް ވިޔަފާރީގެ ތިންބައިކުޅަ އެއްބައި ވިއްކާލާށެވެ.
މި ގްރޫޕުން ވަނީ ލަޔަންޓްރީ އިންވެސްޓްމަންޓް ބޭންކާއެކު މަސައްކަތްކޮށް، ހިއްސާ ވިއްކުމުގެ މަސައްކަތް ވަރަށް ކުރިއަށް ގޮސްފައިވާ ކަމަށް މި މަޢުލޫމާތު އެނގޭ ފަރާތްތަކުން ބުނެއެވެ. ނަމަވެސް މި މުޢާމަލާތް ކަށަވަރެއް ނޫނެވެ.
އޮސްޓްރޭލިއާގެ އެންމެ މަތީ ފަންތީގެ ސޮކަރ ލީގުގެ ކުރީގެ ވެރިޔާ ޑެނީ ޓައުންސެންޑް ހިންގާ ސަރްޖް އުފެއްދީ ޕީ.އައި.އެފްގެ ކުޅިވަރުގެ އިންވެސްޓްމަންޓްތައް އިތުރަށް ފުޅާކުރުމަށް ޓަކައި މިދިޔަ އަހަރުއެވެ. ފާއިތުވި އަހަރުތަކުގައި ޕީ.އައި.އެފްއިން ވަނީ ފުޓްބޯޅަ ޓީމުތަކާއި ގޯލްފް ފަދަ ކުޅިވަރުތަކުގައި މަޝްހޫރު ހިއްސާތަކެއް ހޯދާފައެވެ. މިދިޔަ އަހަރު ސަރްޖްއިން ފުރަތަމަ ޑީލް އެއްބަސްވެ، އެމެރިކާގެ މިކްސްޑް މާޝަލް އާޓްސް ސީރީޒް ޕްރޮފެޝަނަލް ފައިޓަރސް ލީީގުގައި 100 މިލިއަން ޑޮލަރު އިންވެސްޓް ކުރިއެވެ.
ފަހުގެ ދުވަސްތަކުގައި، ޕީ.އައި.އެފްއިން ވަނީ އެތެރޭގެ އިންވެސްޓްމަންޓްތަކަށް އިތުރު އަހައްމިއްޔަތުކަމެއް ދޭން ބޭނުންވާކަން ދައްކުވައިދީފައެވެ.
ޔޫރޯލީގް ވިއްކުމުގެ މި މަސައްކަތް ކުރިއަށްދަނީ ޕްރައިވެޓް އިކުއިޓީ ފަންޑުތަކުން ކުޅިވަރު ޓީމުތަކާއި ލީގުތައް ގަތުމަށް ގިނަ ފައިސާ އިންވެސްޓްކުރަމުންދާ ދަނޑިވަޅެއްގައެވެ. އޭސީ މިލާން ކްލަބްގެ ވެރިފަރާތް ކަމުގައިވާ ރެޑްބާޑް ކެޕިޓަލް ޕާޓްނަރސްގެ ބާނީ ޖެރީ ކާޑިނަލް ބުނާ ގޮތުގައި މިކަމުގެ ސަބަބުން "ކުރިމަގުގައި ކުރިއެރުން ލިބޭނެކަމުގެ ފަސޭހަ ޚިޔާލުތަކެއްގެ" މައްޗަށް ބިނާކޮށް ކުޅިވަރުތަކުގެ އަގުތައް ވަނީ ބޮޑުތަނުން އުފުލިފައެވެ.
ޔޫރޯލީގުން ބުނާ ގޮތުގައި އެމީހުންގެ ބެލުންތެރިންގެ އަދަދު އިތުރުވަމުން އަންނަނީއެވެ. ނަމަވެސް ދުނިޔޭގެ ފެންވަރުގައި މަޤްބޫލުކަމާއި ބެލުންތެރިންގެ އަދަދުގެ ގޮތުން އެން.ބީ.އޭއާ އަޅާބަލާއިރު ޔޫރޯލީގަކީ ވަރަށް ކުޑަ ލީގެކެވެ.
2023-24 ވަނަ އަހަރުގެ ސީޒަންގައި ޔޫރޯލީގުގެ ޓެލެވިޜަން ބެލުންތެރިންގެ އަދަދު ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 27 އިންސައްތަ އިތުރުވެފައެވެ. މިގޮތުން ޓާކީ، ސާބިއާ، ގްރީސް، ސްޕެއިން، ލިތުއޭނިއާ އަދި އިޓަލީގައި ބެލުންތެރިންގެ އިތުރުވެފައިވެއެވެ. އަދި އޮންލައިން ޕްލެޓްފޯމްގެ ބޭނުންކުރާ މީހުންގެ އަދަދު ވަނީ 46 އިންސައްތަ އިތުރުވެ 85,000 އަށް އަރާފައެވެ.
ޔޫރޯލީގް، ސަރްޖް، ޖެނެރަލް އެޓްލާންޓިކް، ބީ.ސީ ޕާޓްނަރސް އަދި ލަޔަންޓްރީއިން މިކަމާ ގުޅޭގޮތުން އެއްވެސް ކޮމެންޓެއް ދޭން ވަނީ އިންކާރުކޮށްފައެވެ.


