ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަރަކާތްތެރިވާ ދީނީ އިޖުތިމާއީ ޖަމްއިއްޔާތަކާއެކު، ޖަމްއިއްޔާތަކުގެ އަހަރީ ބައްދަލުވުން ފަށައިފިއެވެ.
އިސްލާމީ މަރުކަޒުގައި މިއަދު ފެށި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ކުރިއަށް އޮތް ތަނުގައި އެކިއެކި ޖަމިއްޔާތަކުން ކުރާ މަސައްކަތްތަކަށް މާލީ ގޮތުން ވެސް އެހީތެރިކަން ދެވެން އޮތް މިންވަރަކުން މިނިސްޓްރީގެ ފަރާތުން އެހީތެރިވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މިނިސްޓަރު ވަނީ މިފަދަ ބައްދަލުވުމަކުން ދީނީ އެތައް ޖަމްއިއްޔާތަކާއި ބައްދަލުވުމަކީ އުފާ ކުރައްވާކަމެއްކަމަށް ވިދާޅުވެ، ރާއްޖޭގެ ދީނީ ދައުވަތުގެ ކަންކަން އެންމެ ފުރިހަމައަށް ކުރިއަށް ގެންދެވޭނީ ވުޒާރާ އާއި ޖަމްއިއްޔާތައް ގުޅިގެން މަސައްކަތް ކޮށްގެން ކަން ފާހަގަކުރައްވާފައެވެ.
މިއަދު ފެށި ދީނީ ޖަމްއިއްޔާތަކުގެ އަހަރީ ބައްދަލުވުން ތިން ސެޝަނަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މި ބައްދަލުވުމުގައި ރާއްޖޭގެ 70 ޖަމްއިއްޔާއަކުން 98 މަންދޫބުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މީގެ ތެރޭގައި އޮންލައިންކޮށް ބައިވެރިވާ ބައެއް ފަރާތްތައްވެސް ހިމެނެއެވެ.


