ފެނަކަ ކޯޕަރޭޝަނުގެ ޗެއާމަން ކަމަށް ސްޓޭޓް ޓްރޭޑިން އޯގައިނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އައްޔަންކުރައްވައިފި އެވެ.
މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު، ފެނަކަ އެސްޓީއޯގެ ދަށަށް ގެންނަން ސަރުކާރުން ނިންމިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހާމަކުރައްވަައިފައެވެ.
ޝިމާދު މިހާރު ހުންނެވީީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަމާއި ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގަ އެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.
ޝިމާދުގެ އިތުރުން، ފެނަކައިގެ ބޯޑަށް ނަން އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި އެސްޓީއޯގެ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު ނިޒާމާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު މާޒިން ވަނީ އައްޔަންކޮށްފައެވެ.
ދަރަނި ބޮޑުވުމުގެ ސަބަބުންނާއި ކުރީގެ މެނޭޖުމަންޓުތަކުގައި އެތެރޭގެ ކޮރަޕްޝަން ބޮޑުވުމުގެ ސަބަބުން ހިންގުމަށް ދަތިވެފައިވާ ފެނަކަ އެސްޓީއޯގެ ދަށަށް ގެންދަން ނިންމީ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ބޭއްވެވި ކެބިނެޓް ބައްދަލުވުމުގަ އެވެ. އެ ބަދަލާ ގުޅޭގޮތުން ރައީސް އޮފީހުން ބުނެފައި ވަނީ ކެބިނެޓުން އެ ގޮތަށް ފާސްކުރީ ފެނަކައިން ފޯރުކޮށްދޭ ހިދުމަތްތައް ވަރުގަދަ ކުރުމަށާއި ކުންފުނި ދެން ހިންގޭ ގޮތް ހޯދުމަށް ފިނޭންސް މިނިސްޓްރީން ދިރާސާކޮށް ހުށަހެޅި ކަރުދާހެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.


