ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން އިންޑިޔާ ސަރުކާރުން ކުއްލި މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބިކަމަށް ބްލޫމްބަރގް ނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރެއްގައި ބުނެފިއެވެ. މިއީ ރާއްޖޭގެ ސްކޫކް ޑިފޯލްޓްވުމުގެ ނުރައްކާ އޮތް ދަނޑިވަޅެއްގައި އިންޑިޔާއިން ދޭން ނިންމި އެހީތެރިކަމެކެވެ.
ބްލޫމްބަރގް ނޫހުން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، އިންޑިޔާގެ އިސް އޮފިޝަލުން ބުނެފައިވަނީ ރާއްޖެއަށް މިހާރުން މިހާރަށް ބޭނުންވެއްޖެ ހިނދެއްގައި ރިޒާވް ބޭންކް އޮފް އިންޑިޔާގެ ކަރަންސީ ސްވޮޕް ޕްރޮގްރާމްގެ ދަށުން 400 މިލިއަން ޑޮލަރު ލިބެން ހުރި ކަމަށެވެ. މީގެ އިތުރުން 2019 ވަނަ އަހަރު އިންޑިޔާއިން ރާއްޖެއަށް ދިން 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދިގު މުއްދަތުގެ ލޯނު ނެގުމުގެ ފުރުސަތުވެސް އޮތްކަމަށް އެ ފަރާތްތަކުން ބުނެފައިވާކަމަށް ބްލޫމްބަރގް ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
ބްލޫމްބަރގް ނޫހުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ރާއްޖޭގެ ސަރުކާރުން މިހާތަނަށް އިންޑިޔާގެ އެހީތެރިކަމަށް ރަސްމީކޮށް އެދިފައިވާކަން އެނގިފައެއް ނުވެއެވެ. ނަމަވެސް، ރައީސް މުޙައްމަދު މުޢިއްޒު އިންޑިޔާއަށް ކުރިއަށް އޮތް ހަފްތާތަކުގައި ކުރައްވާ ދަތުރުފުޅުގައި މި މައްސަލަ މަޝްވަރާ ކުރެވިދާނެކަމަށް ބެލެވޭކަމަށް މަޢުލޫމާތު ދިން ފަރާތްތަކުން ބުނެފައިވެއެވެ.
މި ކުއްލި މާލީ އެހީތެރިކަމަކީ ރާއްޖެއިން އަދާކުރަންޖެހޭ ބޭރުގެ ދަރަނި އަދާކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ޚާއްޞަކޮށް ކުރިއަށް އޮތް މަހު އަދާކުރަންޖެހޭ ދަރަނި އަދާކުރުމަށް މި އެހީތެރިކަން މުހިންމުވާނެއެވެ. މިއީ ދުނިޔޭގެ ފުރަތަމަ އިސްލާމިކް ބޮންޑް ޑިފޯލްޓްވުމުގެ ބިރު އޮތް ދަނޑިވަޅެއްގައި ލިބޭ އެހީތެރިކަމެކެވެ.ލޫމްބަރގް ނޫހުގެ މަޢުލޫމާތު ދައްކާގޮތުން، ރާއްޖެއިން މިހާރު ދައްކަންޖެހޭ ގާތްގަނޑަކަށް 500 މިލިއަން ޑޮލަރުގެ ސުކޫކް ދަރަނީގެ ތެރެއިން 25 މިލިއަން ޑޮލަރު އޮކްޓޯބަރު މަހު ދައްކަންޖެހެއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ފާއިތުވި މަހުގެ ނިޔަލަށް ބުނެފައިވަނީ އިންޑިޔާއާއެކު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އިންޑިޔާއިން މި އެހީތެރިކަން ދޭން ނިންމީ ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތީ އިންޑިޔާއާ ދެކޮޅު ސިޔާސަތެއްގެ މައްޗަށް ކަމުގައިގައިވީ ނަމަވެސްއެވެ. އަދި ދި ޗައިނާއާއެކު ގުޅުން ބަދަހިކުރުމަށް ވަޢުދުވެވަޑައިގެންފައިވީ ނަމަވެސް، އިންޑިޔާއިން ރާއްޖެއަށް އެހީތެރިވުމަށް ތައްޔާރަށް ތިބިކަން މި ޚަބަރުން ހާމަވެއެވެ. މިއީ އިންޑިޔާއާއި ޗައިނާ ދެ ޤައުމުން މި ސަރަޙައްދުގައި ނުފޫޒު ފެތުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ހިނގާ ކަމެއްކަމަށް ބްލޫމްބަރގް ނޫހުން ފާހަގަކޮށްފައިވެއެވެ.
މި ރިޕޯޓުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ޗައިނާގެ ޕީޕަލްސް ބޭންކް އޮފް ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ދެ ޤައުމުގެ ފައިސާ ބޭނުންކުރުން އިތުރުކުރުމަށް މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގއެއްގައި ސޮއިކޮށްފައިވާކަން ހުކުރު ދުވަހު އިޢުލާނުކޮށްފައިވެއެވެ.
ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ދިވެހިރާއްޖެއިން ވޭތުވެދިޔަ އަހަރުތަކުގައި ގިނަ ދަރަނިތަކެއް ނަގާފައިވާއިރު، ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ދަށަށް ވަނީ ދަށަށް ގޮސްފައެވެ. ބްލޫމްބަރގް ނޫހުގެ މަޢުލޫމާތުން ދައްކާ ގޮތުގައި 2024 ގެ މާރިޗު މަހާ ހަމައަށް ރާއްޖޭގެ ދަރަނި ޖީޑީޕީގެ 110 އިންސައްތައަށް އަރާފައިވެއެވެ.
މި ޚަބަރާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް އިންޑިޔާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްއަށް ގުޅުމުން އެއްވެސް ކޮމެންޓެއް ދޭން ބޭނުންނުވާކަމަށް ބުނެފައިވާވާކަމަށް ބްލޫމްބަރގް ނޫހުން ފާހަގަކޮށްފައިވެއެވެ. އަދި ރިޒާވް ބޭންކް އޮފް އިންޑިޔާ، ދިވެހި ސަރުކާރު އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މި މައްސަލައާ ގުޅޭގޮތުން ކޮމެންޓަށް އެދި ފޮނުވި އީމެއިލްތަކަށް ވަގުތުން ޖަވާބު ދީފައިނުވާކަމަށްވެސް ބްލޫމްބަރގް ނޫހުން ބުނެފައިވެއެވެ.


