Tuesday, 28 July 2026

މެސީ ދެ މަސްދުވަހުގެ މެދުކެނޑުމަކަށްފަހު އެނބުރި އިންޓަރ މައިއާމީއަށް 

ލިއޮނެލް މެސީ އޭނާގެ މޭޖަރ ލީީގް ސޮކަރ ކްލަބް، އިންޓަރ މައިއާމީއާއެކު އަނެއްކާވެސް ކުޅުމަށް ތައްޔާރުވާން ފަށައިފިއެވެ.

މެސީގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން ދެ މަހަށްވުރެ ގިނަ ދުވަހުކުޅުމުން ދުރުގައި ހުރުމަށްފަހު އެނުބރި ކްލަބަށް ދިއުމަށް ތައްޔާރުވަމުންދާ ކަމަށް މައިއާމީގެ ކޯޗު ޖެރާޑޯ މާޓީނޯ ވަނީ ކަށަވަރުކޮށްދީފަ އެވެ.

މެސީ އެންމެ ފަހުން ކުޅުނީ ޖުލައި 14 ގައި ކޮލަމްބިއާއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު 2024 ކޯޕާ އެމެރިކާގެ ފައިނަލް މެޗުގައި އެވެ. އެ މެޗުގައި އޭނާގެ ކަނާތު ފައިގެ ކުޑަހުޅަށް ވަނީ އަނިޔާވެފައެވެ. އޭނާ އެންމެ ފަހުން އިންޓަރ މައިއާމީއަށް ކުޅުނީ ޖޫން 1 ގައެވެ. ނަމަވެސް ހޮނިހިރު ދުވަހު ފިލަޑެލްފިއާ ޔޫނިއަންއާ ދެކޮޅަށް ކުޅޭ މެޗަށް އޭނާ ހޮވިދާނެ ކަމަށް މާޓީނޯ ބުނެފައިވެއެވެ.

"އިއްޔެ އޭނާ އަނބުރާ ތަމްރީނަށް ނުކުތް. މާދަމާގެ މެޗަށް އޭނާ ހިމެނިފައިވޭ، އަދި ތަމްރީނަށްފަހު އަޅުގަނޑުމެން އޭނާއަށް ކުޅެން ދޭނެ ގޮތެއް ނިންމާނަން، އެކަމަކު އޭނާ ލިބެން އެބަހުރި. އަޅުގަނޑުމެންގެ ޓީމުގައި އަނެއްކާވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ހިމެނޭނެ، އެހެންވީމާ އެ ހާލަތާ މ މެދު އަޅުގަނޑުމެން އެންމެން އުފާވޭ." މާޓީނޯ ހުކުރު ދުވަހު ނޫސްވެރިންނާ ބައްދަލުކޮށް ބުނެފައިވެއެވެ.

އިންޓަރ މައިއާމީ 27 މެޗުން 59 ޕޮއިންޓް ހޯދައިގެން ސަޕޯޓަރސް ޝީލްޑާއި އީސްޓަރން ކޮންފަރެންސްގެ ޕްލޭއޮފްގެ އެންމެ މަތީ ސީޑް ހޯދުމާއި ވަނީ ކައިރިކޮށްފައެވެ.

37 އަހަރުގެ މި ފޯވަޑް ކުޅުންތެރިޔާ މި ސީޒަންގައި އެމްއެލްއެސްގެ 12 މެޗެއްގައި 12 ލަނޑާއި 13 އެސިސްޓް ހޯދާފައިވެއެވެ – މިއީ ލީގުގެ ތާރީޚުގައި އެންމެ އަވަހަށް 25 ގޯލް ކޮންޓްރިބިއުޝަން ހޯދި ކުޅުންތެރިޔާއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *