ދިވެހި ސަރުކާރާއި ޗައިނާގެ ޕީޕަލްސް ބޭންކް (ޕީބީއޯސީ)އާ އެކު ކަރަންޓު އެކައުންޓު މުއާމަލާތްތައް ދެ ގައުމުގެ ފައިސާއިން ކުރަން މަގުފަހިކުރަން ދެ ގައުމުން މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ޗައިނާގެ މަރުކަޒީ ބޭންކް، ޕީޕަލްސް ބޭންކް އޮފް ޗައިނާ އާއި ރާއްޖެ އާ ދެމެދު ގާއިމު ކުރި އެމްއޯޔޫއާއެކު ދެގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް ދެގައުމުގެ ފައިސާއިން ކުރެވޭގޮތަށް އެއްބަސްވެ އޮނިގަނޑެއް އެކުލަވާލައި ދެގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި އާއި އިންވެސްޓްމަންޓުތަކުގެ ދާއިރާއިން ގުޅުން ހަރުދަނާ ކުރުމަށް މަގުފަހިވެގެން ދާނެއެވެ.
ވިޔަފާރިއާއި އިގުތިސާދީ ކަންކަމާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޗައިނާއާ އެކު ކުރާ ވިޔަފާރީގެ މުއާމަލާތްތައް ދެ ގައުމުގެ ފައިސާއިން ކުރަން މަގުފަހިކުރުމަށްޓަކައި ޕީބީއޯސީއާ އެކު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. މި ފަހުމުނާމާގެ ދަށުން ދެ ގައުމުގެ މެދުގައި ހިނގާ ކަރަންޓު އެކައުންޓް މުއާމަލާތްތަކާއި ސީދާ އިންވެސްޓްމަންޓުތައް ދެ ގައުމުގެ ފައިސާއިން ހިންގަން މަގުފަހިކޮށްދޭ އޮނިގަނޑެއް އެކުލަވައިލަން ވަނީ ނިންމައިފައެވެ.
ޗައިނާ އާއި ރާއްޖެއާ ދެމެދު އަހަރެއްގެ މައްޗަށް 700 މިލިއަން އެމެރިކާ ޑޮލަރުގެ މުއާމަލާތް ކުރެވޭ އިރު ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުވެގެން ގޮސްފައި ވުމުގެ ސަބަބުން ރާއްޖެއަށް އެތެރެ ކުރާ މުދަލުގެ އަގުވެސް ބޮޑުވެގެން ދެއެވެ. ނަމަވެސް ދެގައުމުގެ ފައިސާއިން މުއާމަލާތް ކުރެވޭގޮތަށް އިންތިޒާމުތައް ހަމަޖެހިގެން ދިޔުމުން، ޑޮލަރަށް ވާ އަގުމަދު ކުރާނީ އެގައުމެއްގައި މާރުކުރާ ރަސްމީ ރޭޓުން ކަމަށް ވުމުން، ރާއްޖެ އަށް އެތެރެ ކުރާ މުދަލުގެ އަގު ހެޔޮވެގެން ދާނެއެވެ. އަދި އެތެރެ ކުރެވޭ މުދަލުގެ އަދަދުވެސް އިތުރުވެ ހެޔޮބަދަލެއް އަންނާނެ ކަމަށް އިގުތިސޯދީ މާހިރުން ވިދާޅުވެއެވެ.
މިނިސްޓްރީން ނެރުނު ބަޔާނުގައި އިތުރަށް ބުނީ، ޖެނުއަރީ މަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެފައިވާ ކަމަށެވެ. އެ ގައުމުގެ ރައީސް ޝީ ޖިންޕިންއާ އެކު ކުރެއްވި މަޝްވަރާތަކުގެ އަލީގައި ދެ ގައުމުގެ އިގުތިސާދީ ގުޅުން އިތުރަށް ފުޅާކުރަން މަޝްވަރާކުރި ކަމަށެވެ.


