Tuesday, 28 July 2026

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް އިސްލާމީ ތަރުބިއްޔަތުގެ ފަރުވާ ހިލޭ ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

މަސްތުވާތަކެތި ބޭނުންކުރުމާއި ދެވިހިފުމުގެ ބަލި ތަހައްމަލްކުރާ ފަރާތްތަކަށް އިސްލާމީ ތަރުބިއްޔަތުގެ އަސާސްތަކާ ގުޅޭ ފަރުވާ ހިލޭ ދިނުމަށްޓަކައި ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އާއި އިސްލާމިކް ލައިފް ކޯޗިންގ (އައިއެލްސީ) އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިސްލާމިކް ލައިފް ކޯޗިންގއިން މަޢުލޫމާތު ދިން ގޮތުގައި މި އެއްބަސްވުމުގެ ދަށުން އައިއެލްސީއިން ފޯރުކޮށްދޭ ހުރިހާ ޚިދުމަތަކީ މުޅިން ހިލޭ ފޯރުކޮށްދޭ ޚިދުމަތްތަކެކެވެ.

އައިއެލްސީއިން އެންޑީއޭއަށް ދޭނެ ޚިދުމަތްތަކުގެ ތެރޭގައި، ކްލައިންޓުންނަށް ފަރުވާދިނުމަށް މިހާރު ގެންގުޅޭ މައުޟޫޢުތަކަށް ސަބްޖެކްޓް އައުޓްލައިން ތައްޔާރުކޮށްދިނުމާއި، ކޮންޓެންޓް އުފެއްދުމާއި އެސެސްމަންޓް ފޯމެޓްތަކެއް ތައްޔާރުކޮށްދިނުން ހިމެނެއެވެ. އަދި ދީނީ ކްލާސްތައް ނަގައިދިނުމަށް ދީނީ އިލްމު ލިބިވަޑައިގެންތިއްބެވި އިސްލާމިކް ލައިފް ކޯޗުން ފޯރުކޮށްދޭނެ ކަމަށް އައިއެލްސީއިން ބުނެއެވެ.

މީގެ އިތުރުން އިސްލާމިކް ލައިފް ކޯޗިންގގެ މެތަޑޯލޮޖީތަކާ ބެހޭގޮތުން އެންޑީއޭގެ މުވައްޒަފުންނަށް ބޭނުންވާ ވޯކްޝޮޕް، ސެމިނަރ، އަދި ތަމްރީން ސެޝަންތައް ފޯރުކޮށްދިނުން ވެސް އޮންނާނެ ކަމަށް އައިއެލްސީއިން ބުނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތު ބޭއްވުނީ މިއަދު ނޭޝަނަލް ޑްރަގް އޭޖެންސީގައެވެ. މި ރަސްމިއްޔާތުގައި ނޭޝަނަލް ޑްރަގް އޭޖެންސީގެ ފަރާތުން ސޮއިކުރެއްވީ އެ އޭޖެންސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި އިސްލާމިކް ލައިފް ކޯޗިންގގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާގެ ފައުންޑަރ އަދި ސީއީއޯ އައްޝައިޚް މުޙައްމަދު އަފްޟަލެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *