މުދަލު ޒަކާތުގެ ފައިސާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބަހަން ފަށައިފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މަޢުލޫމާތު ދިން ގޮތުގައި މިއަހަރަކީ މުދަލު ޒަކާތުގެ ފައިސާ ފަޤީރުންނާއި މިސްކީނުންނަށް ސީދާގޮތުން އެންމެ ގިނައިން ބޮލަކަށް ބަހާ އަހަރެވެ. އެގޮތުން މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި މާލެއާއި އަތޮޅުތަކުން ޖުމްލަ 3183 މީހުންނަށް، ބޮލަކަށް 4000 ރުފިޔާ ޒަކާތުގެ ގޮތުގައި ބަހާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓްރީން އިތުރަށް ބުނީ:
– 2023 ވަނަ އަހަރު ބޮލަކަށް 3500 ރުފިޔާގެ މަގުން މުދަލު ޒަކާތް ބަހާފައިވެއެވެ.
– 2022 ވަނަ އަހަރު މުދަލު ޒަކާތުގެ ފައިސާގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް 3000 ރުފިޔާއެވެ.
– 2021 ވަނަ އަހަރު މުދަލު ބަހާފައިވަނީ ބޮލަކަށް 2700 ރުފިޔާއެވެ.
ޒަކާތުގެ ފައިސާ ޖަމާކުރަމުންދަނީ 2021 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް އޮތް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު ރިވިއުކުރުމަށްފަހު ޝަރުތުހަމަވާ ފަރާތްތަކުގެ އެކައުންޓުތަކަށެވެ.
މީގެ އިތުރުން މިއަހަރުގެ މިހާތަނަށް ޒަކާތު ފަންޑުން ބޭސްފަރުވާއަށް 16,781,610.99 ރުފިޔާ ދޫކޮށްފައިވާކަންވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.


