ސައިކަލެއްގައި ދިޔަ އަންހެނެއްގެ އަތުން ވޮލެޓަކާއި މޯބައިލް ފޯނެއް ފޭރިގަތް މީހަކާއި، މާލޭގެ ގެއަކުން ވައްކަން ކުރި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި ދެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި / ހަބީބީހެޕް، އިސްމާޢީލް ސާއިފް (39އ) އާއި ލ. މާވަށް / ޖަމީލާމަންޒިލް އާދަމް ޙުސައިން (48އ) އެވެ.
ފުލުހުން ބުނިގޮތުގައި، އަންހެނެއްގެ އަތުން ފޭރިފައިވަނީ 11 ސެޕްޓެންބަރު 2023 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މާލޭގެ ލޮނުޒިޔާރަތް މަގުގައެވެ. މި މައްސަލައިގައި ސާއިފް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން ބުނިގޮތުން ތަހުގީގުން، ސާއިފް ވައްކަން ކޮށްފައިވަނީް ސައިކަލެއްގައި ދުއްވަމުން ދަނިކޮށްކަން ހާމަވެފައިވާ ކަަމަށާއި، އަދި އޭނާ ބޭނުންކުރި ސައިކަލަކީވެސް ވަގަށް ނަގާފައިވާ އެއްޗެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ސާއިފް ފޭރުނު ވޮލެޓާއި ފޯނު ފުލުހުން ހޯދާފައިވާއިރު، އޭނާ ދުއްވި ސައިކަލު ވެސް ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެއެވެ.
މީގެއިތުރުން 8 ސެޕްޓެންބަރު ވީ ހުކުރު ދުވަހުގެ ރޭ ދަންވަރު ލޭގެ ހެންވޭރު ސަރަހައްދުގެ ގެއަކުން ވައްކަންކުރި މައްސަލައެއްވެސް ފުލުހަށް ހުށަހަޅާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މައްސަލައާ ގުޅިގެން ފުލުހުން ވަނީ ދެ ތަނެއް ބަލައި ފާސްކޮށް، ވައްކަންކުރި ގެއިން ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ ތަކެތި ވަނީ ހޯދާފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ހޯދާފައިވާ ތަކެތީގެ ތެރޭގައި ކަރަންޓު ބުރުމާތަކަކާއި، މުށި ކަފާ މެޝިންތަކަކާއި، ލޮއިނަރުތަކެއްގެ އިތުރުން ކަރަންޓު ވައިރުކުރާ ނަރުތަކެއް ހިމެނެއެވެ. މި މައްސަލަ އާއި ގުޅިގެން އާދަމް ޙުސައިން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން، އިިއްޔެގެ ވަގުތެއްގައެވެ.
ފުލުހުން ބުނިގޮތުގައ މި މައްސަލަ މިހާރު ގެންދަނީ ތަޙުޤީޤުކުރަމުންނެވެ. އަދި މި މައްސަލައިގެ ތަޙުޤީޤު ނިމުމުން، ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.


