ރާއްޖޭގައި ކުރިއަށްދިޔަ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ޗެލެންޖް ކަޕުގެ ފައިނަލުގައި ރާއްޖެ ދެވަނައަށް ގޮސް، ކިރިގިސްތާނަށް ރަން މެޑަލް ލިބިއްޖެއެވެ. މިރޭ ސޯޝަލް ޝަލް ސެންޓަރުގެ އެތެރޭ ހޯލުގައި ކުޅުނު ފައިނަލް މެޗުގައި ކިރިގިސްތާނުންުން ރާއްޖޭގެ މައްޗަށް ކުރި ހޯދާފައިވަނީ 3-2 ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓު ކިރިގިސްތާނުން 25-17 އިން ކާމިޔާބުކުރި އިރު، ދެވަނަ ސެޓު ރާއްޖެއިން 26-24 އިން ކާމިޔާބުކުރިއެވެ. ތިންވަނަ ސެޓު ކިރިގިސްތާނުން 25-18 އިން ކާމިޔާބުކުރުމާއެކު، ހަތަރުވަނަ ސެޓު ރާއްޖެއިން 25-23 އިން ކާމިޔާބުކޮށް މެޗު އެއްވަރުކުރިއެވެ.
ހަތަރުވަނަ ސެޓުގައި ރާއްޖެއިން ރަނގަޅަށް ފެށި އިރު، ކެޕްޓަން ހައްވާ ރާޝިދާގެ ތަޖުރިބާގެ ބޭނުން ވަރަށް ރަނގަޅަށް ހިފިތަން ފާހަގަވެގެންދިޔައެވެ. އޭގެ އިތުރުން ރާއްޖޭގެ ޝަހާ ޝާމިން އާއި އައިޝަތު މާޖިދާގެ ހަމަލާތަކެއް ބްލޮކްކުރުމަށް ކިރިގިސްތާނަށް އުނދަގޫތަކަކާ ކުރިމަތިވިއެވެ. ރާއްޖެއިން ރަނގަޅަށް ފަށައި ލީޑު ފުޅާކުރި ނަމަވެސް، ކިރިގިސްތާނުން ދިޔައީ ކުޅުން ވަރުގަދަކޮށް ލީޑު ހަނިކުރަމުންނެވެ. ސެޓުގެ ފަހުކޮޅުގައި ކިރިގިސްތާނުން ވަނީ ލީޑު ވެސް ހޯދައިފައެވެ. ނަމަވެސް ސެޓު ނިމެނިކޮށް ރާއްޖެއިން ހިތްވަރާއެކު ކުޅެ، ލީޑު ހޯދައި ސެޓު 25-23 އިން ކާމިޔާބުކުރިއެވެ.
ފައިނަލް ސެޓުގައި ކިރިގިސްތާނުން ފުލުފުލުގައި ބާރު ހަމަލާތަކެއް އުފައްދަމުން ގޮސް، ސެޓުގެ ކުރީކޮޅުގައި ލީޑު ފުޅާކުރިއެވެ. ހާއްސަކޮށް ކިރިގިސްތާނުގެ ރޯޒާގެ ބާރު ހަމަލާތައް ހުއްޓުވުމަށް ރާއްޖޭގެ ކުޅުންތެރިންނަށް ވަނީ އުނދަގޫތަކަކާ ކުރިމަތިވެފައެވެ. ލީޑު ދަމަހައްޓަމުން ގޮސް، ކިރިގިސްތާނުން މެޗު ކާމިޔާބުކުރީ ފަހު ސެޓު 15-9 އިންނެވެ.
މިއީ ކާވާ މުބާރާތެއްގެ ފައިނަލުގައި ރާއްޖޭގެ އަންހެން ޓީމު ވާދަކުރި ދެވަނަ ފަހަރެވެ. ކުރިން 2019 ވަނަ އަހަރު ނޭޕާލުގައި ބޭއްވުނު މުބާރާތުގެ ފައިނަލުގައި ރާއްޖެ ވަނީ ހޯސްޓް ޤައުމު ނޭޕާލަށް ބަލިވެފައެވެ. މިފަހަރު ރާއްޖެއިން ހޯދި ރިހި މެޑަލަކީ ވެސް ރާއްޖޭގެ ވޮލީބޯޅަ ތާރީޚުގައި ބައިނަލްއަޤްވާމީ މުބާރާތަކުން ހޯދި އެންމެ މަތީ ވަނައެވެ.


