Tuesday, 28 July 2026

ހުއްދަނެތި ބޭރު ފައިސާ މާރުކުރަމުންދިޔަ ދެ ތަނެއް ހުއްޓުވައިފި

މާލެ ސިޓީ ޕޮލިހާއި ފުލުހުންގެ އިންންޓެލިޖެންސް އަދި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ ގުޅިގެން މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި، ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހުއްދަނެތި ބޭރު ފައިސާ މާރުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ދެ ތަނެއް ހުއްޓުވާލައިފިއެވެ.

ޕޮލިސް މީޑިޔާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ފުރަތަމަ އޮޕަރޭޝަން ހިންގާފައިވަނީ ސެޕްޓެންބަރު 3 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަނުގައި "ޓްރާންސްފަރ މޯލްޑިވްސް" ގެ ނަމުގައި، ހުއްދަ ހޯދުމަކާ ނުލައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަމުންދިއުމާ ގުޅިގެން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ އެ ވިޔަފާރި ހުއްޓުވައި، ނޯޓިސް ހަރުކޮށްފައެވެ.

ދެވަނަ އޮޕަރޭޝަން ހިންގާފައިވަނީ ސެޕްޓެންބަރު 11 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަނުގައި އެމް.އެމް.އޭ އިން ހުއްދަ ނުނަގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތް ކުރަމުންދިޔަ ސޮވެނިޔަރ ވިޔަފާރި ކުރާ ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން ޗާންދަނީ މަގުގައި ހުންނަ ކާޝިބޯޓް ސުވެނިޔަރ ފިހާރައަށް ގޮސް ބެލިބެލުމުން އެތަނަކީ އެމް.އެމް.އޭ އިން ނަގަންޖެހޭ ހުއްދަތައް ނުނަގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ މަސައްކަތް ކުރަމުންދާ ތަނެއްކަން ފާހަގަކުރެވުމާ ގުޅިގެން، އެ ފިހާރައަށް ވިޔަފާރިކުރުމަށް ދީފައިވާ ހުއްދަ ވަގުތީގޮތުން ވަނީ ބާޠިލުކޮށްފައެވެ.

މީގެ އިތުރުން މި އޮޕަރޭޝަނުގައި، ބޭރު ފައިސާ މާރުކުރުމުގެ ޚިދުމަތްދޭ އިތުރު ބައެއް ތަންތަން ބަލައި ފާސްކޮށް، ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް އިރުޝާދު ދީފައިވާކަމަށް ޕޮލިސް މީޑިޔާއިން މަޢުލޫމާތު ދީފައިވެއެވެ.

މި އޮޕަރޭޝަންތަކުގެ ސަބަބުން، ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހިންގަމުންދިޔަ ބޭރު ފައިސާ މާރުކުރުމުގެ ޙަރަކާތްތަކެއް ހުއްޓުވާލެވި، އެފަދަ ޣައިރު ޤާނޫނީ މުޢާމަލާތްތަކަށް ހުރަސްއެޅިގެންދާނެ ކަމަށް ބެލެވެކަމަށް ޕޮލިސް މީޑިޔާއިން މަޢުލޫމާތު ދީފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *