Tuesday, 28 July 2026
ޕޯޓޮ: ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ތެރެއިން (ރައީސް އޮފީސް)

ޕީއެންސީގެ މެންބަރުންނަށް ފައިސާދިން ކަމަށްބުނެ "އަދަދު" އިން ޝާއިއުކުރީ ދޮގު ހަބަރެއް، ޤާނޫނީ ފިޔަވަޅު އަޅާނަން – ހީނާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ޕީއެންސީގެ މަޖިލިސް މެންބަރުންނަށް 75،000ރ ދިންކަމަށް ބުނެ"އަދަދު" ނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރަކީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ޚަބަރެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވެފައިވަނީ އަދަދު ނޫހުގައި "ވެރިކަން ކުރާ ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ކޮންމެ މަހަކު ދެއްވަމުން އަންނަ ބައިލައްކަ ރުފިޔާއަށް މި މަހު 25،000ރ. އިތުރު ކުރުމަށްފަހު ކޮންމެ މެންބަރަކަށް 75،000ރ. ދޫކޮށްފި" ކަމަށް ބުނެ ޝާއިޢުކޮށްފައިވާ ޚަބަރަކާ ގުޅިގެންނެވެ.

ހީނާ އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި މިފަދަ ދޮގު ޚަބަރެއް ފެތުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން، ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ އަދަދު އޮންލައިންގައި ޝާއިޢުކޮށްފައިވަނީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ޚަބަރެކެވެ. ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި މިފަދަ ދޮގު ޚަބަރެއް ފެތުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް މިދަނީ ކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނިސްބަތްކޮށް ފާޅުގައި ދޮގު ޚަބަރު ފަތުރަމުންދާ ފަރާތްތަކާމެދު ސަމާލުވެ ވަޑައިގަތުމަށް ދިވެހި ލޮބުވެތި ރައްޔިތުންނަށް މި ފުރުޞަތުގައި އިލްތިމާސްކުރަމެވެ." – ހީނާ

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނިސްބަތްކޮށް ފާޅުގައި ދޮގު ޚަބަރު ފަތުރަމުންދާ ފަރާތްތަކާމެދު ސަމާލުވެ ވަޑައިގަތުމަށް ހީނާ ވަނީ ދިވެހި ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *