Tuesday, 28 July 2026

މުމްބާއީގެ އާދިތް ޓަނަލަށް މިނިސްޓަރު މުއްތަލިބް ޒިޔާރަތްކުރައްވައިފި

އިންޑިއާގެ މުމްބާއީގައި ހަދަމުންދާ އާދިތު ޓަނަލަށް ދިވެހިރާއްޖޭގެ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

މުމްބާއީގައި ހުންނަ އާދިތު ޓަނަލަކީ މުމްބާއީއާއި އަހުމަދާބާދާ ދެމެދު ހަދަމުންދާ ހައިސްޕީޑް ރޭލްގެ 7.1 ކިލޯމީޓަރުގެ ކަނޑު އަޑީގެ ޓަނަލްގެ ފެށޭ ހިސާބެވެ. މި ޓަނަލަށް ކުރެއްވި ޒިޔާރަތުގައި މިނިސްޓަރު މުއްތަލިބްގެ އިތުރުން ބައިވެރިވެވަޑައިގެންނެވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު މުނު މަހާވަރާއި، ސްޓޭޓް މިނިސްޓަރު އިބްރާހިމް ތާޢާމް މުޙައްމަދާއި ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޙަމީދެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ޓްވިޓަރުގައި ޝާއިޢުކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި، މި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމާއި، ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަޝްރޫޢުތަކުގައި ބޭނުންކުރެވިދާނެ އައު ޓެކްނޮލޮޖީތަކާއި ގޮތްތައް ދެނެގަތުމެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވާ ގޮތުގައި، މި ޒިޔާރަތުގެ ސަބަބުން ރާއްޖޭގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ފައިދާކުރާނެ އައު ޓެކްނޮލޮޖީތަކާއި ހުނަރުތައް ދެނެގަނެވި، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގައިވެސް މިފަދަ ކަނޑު އަޑީގެ ޓަނަލެއް ހެދުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާކަން އެނގެއެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި، ފުށިދިއްގަރުފަޅު ހިއްކައިގެން ހަދާ ރަސްމާލެ، މާލެ ސިޓީއާ ގުޅުވާނީ ކަނޑު އަޑީގެ ޓަނަލަކުންނެވެ. އަދި މި ޓަނަލް ހަދާނީ އޭގެ އެތެރެއިން ރޭލުގައި ދަތުރުކުރާއިރު ކަނޑުއަޑީގެ ރީތި މަންޒަރުތައް ފެންނަ ގޮތަށް ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *