ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު އިސްލާހުތަކާ ދެކޮޅަށް މޯލްޑިވްސްިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަނުން މިއަދު އިހުތިޖާޖުކޮށްފިއެވެ.
މި ދެ ބިލަކީ ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ 22 ގައި ފާސްކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އާދިއްތަ ދުވަހު ތަސްދީގުކުރެއްވި ދެ ބިލެވެ. މި ބިލުތަކުގެ ސަބަބުން ކައުންސިލްތަކަށް ލިބިދޭ ބާރުތައް ވަޒީރެއްގެ "މުށުތެރެއަށްލާ" ކަމަށް ބުނެ، ލޯކަލް ކައުންސިލް އެސޯސިއޭޝަނުން ވަނީ ގަރާރެއް ފާސްކޮށްފައެވެ.
އެ އެސޯސިއޭޝަނުން ބުނެފައިވަނީ މި ގާނޫނުތަކުގެ ސަބަބުން:
– ލޯކަލް ކައުންސިލްތަކުގެ ހިންގުމުގެ ނިޒާމަށް ނޭދެވޭ އަސަރުކުރާނެ ކަމަށް
– މުޖުތަމައުގެ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ގެއްލިގެންދާނެ ކަމަށް
– މަޖިލީހުން ޚިޔާލު ހޯދުމަށް ހުޅުވާލި މުއްދަތުގައި ހުށަހެޅުނު ޚިޔާލުތަކަށް ރިއާޔަތްކޮށްފައިނުވާ ކަމަށް
– ލޯކަލް ގަވަމަންޓް މިނިސްޓްރީއާ މަޝްވަރާކޮށްފައިނުވާ ކަމަށް
ބިނާވެނި ޕްލޭންކޮށް ހިންގުމުގެ ބިލު ތަސްދީގުކޮށްފަވާތީ އެކަމާއި ދެކޮޅު ގަރާރު pic.twitter.com/xJ1NhOA2Yg
— Maldives Local Councils' Association (@MLCAssociation) September 11, 2024
އަދި މި ގާނޫނުތައް ފާސްކުރުމުގައި ކައުންސިލްތަކާއި ފަންނީ މާހިރުން އެކަހެރިކޮށްފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ސަރުކާރުން ރައްޔިތުންނާއި ކައުންސިލްތަކުގެ ބައިވެރިވުން ހޯދާނެ ކަމަށް ވީ ވައުދަށް "ހިޔަނިއެޅިއްޖެ" ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ.
ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނުގައިވާ ގޮތުން ބިނާވެށި ޕްލޭންކުރުމާއި ހިންގުމާ ބެހޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ބިނާވެށި ޕްލޭންތައް ތަންފީޒުވަމުންދާ ގޮތް ބެލުމާއި ބިން ތަރައްގީކުރުމުގެ ހުއްދަތައް ދޭނީ ހައުސިން މިނިސްޓްރީއާއި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި އެހެނިހެން ކަނޑައެޅޭ އިދާރާތަކުންނެވެ.
އިދިކޮޅު އެމްޑީޕީން ވެސް މި ބިލަށް ފާޑުކިޔާފައިވާއިރު، އެ ޕާޓީން ބުނެފައިވަނީ މި ގާނޫނުގެ ދަށުން ރށުން ރަށުގެ ރައްޔިތުންގެ ބައިވެރިވުމަކާ ނުލައި، އެ ރަށެއްގެ ބިން ޕްލޭންކޮށް ބޭނުންކުރުމަށް މަރުކަޒީ އިދާރާތަކަށް ފުރިހަމައަށް ބާރު ލިބޭނެ ކަމަށެވެ.


