މާދަރީ ބަހަކީ ސިޔާސީ ގޮތުން ވެސް ވަރަށް މުހިންމު ބާރެއްކަމަށާއި، ޤައުމެއްގެ ދެމި އޮތުމަށް ކޮންމެހެން ބޭނުން ހަތިޔާރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވެވި ޤައުމީ ދުވަހުގެ ހާއްސަ ޖަލްސާގައި މާދަރީ ބަހުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލަމުން ރައީސް ވަނީ ދިވެހީންނަށް ވަކި ދައުލަތެއްގެ މިނިވަން ފަޚްރުވެރި ދިދަ ވިހުރާލަން ލިބުމުގެ އެއް ސިއްރަކީދިވެހީންގެ އަމިއްލަ މާދަރީ ބަހެއް އޮތުންކަމަށް ވިދާޅުވެފައެވެ.
އަދި މާދަރީ ބަހަކީ ސިޔާސީ ގޮތުން ވެސް ވަރަށް މުހިންމު ބާރެއްކަމަށާއި، ޤައުމެއްގެ ދެމި އޮތުމަށް ކޮންމެހެން ބޭނުން ހަތިޔާރެއްކަމަށް ރައީސް ވިދާޅުވިއެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މިއަހަރުގެ ޤައުމީ ދުވަހަކީ ކޮންމެ ދިވެއްސަކުވެސް ދިވެހި ބަހަށް އިސްކަންދޭން އަލުން ފަށާ ދުވަހެއްކަމުގައި ހެދުމަށް އެދިވަޑައިގެންފައެވެ. އަދި ބަހުން މުޢާމަލާތުކޮށް ސަގާފަތް އުފަންކުރާއިރު، އެކަމުގައި މާތްވެގެންވާ އިސްލާމް ދީނުގެ އިންތަކާއި މިންތަކަށް ފަރުވާތެރިވުމަށްވެސް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
މީގެއިތުރުން ރައީސް ވަނީ ވާހަކަދެއްކުމުގައި އިސްލާމްދީން އަންގަވާފައިވާގޮތަށް އެކަކު އަނެކަކަށް ހެޔޮ ބަހެއް ނޫނީ ނުބުނުމަށާއި ބުނާނެ ހެޔޮ ބަހެއް ދުލަށް ނައިނަމަ ހަނުހުރުމަށް ބާރުއަޅުއްވާފައެވެ.


