Tuesday, 28 July 2026

ޔޫކްރެއިންގެ ޕޮލްޓަވާއަށް ރަޝިޔާއިން ދިން މިސައިލް ހަމަލާއެއްގައި 51 މީހުން މަރުވެއްޖެ

ޔޫކްރެއިންގެ މެދުތެރޭގެ ޕޮލްޓާވާ ސިޓީގެ ތައުލީމީ މަރުކަޒަކާއި ހޮސްޕިޓަލަކަށް ރަޝިއާއިން ފޮނުވާލި ދެ ބެލިސްޓިކް މިސައިލް ހަމަލާގައި 51 މީހުން މަރުވެ 200 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ޔޫކްރެއިންގެ އޮފިޝަލުން ބުނެފި އެވެ.

މި ހަމަލާއަކީ މީގެ 900 ދުވަސް ކުރިން 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ހަނގުރާމަ ފެށިފަހުން ރަޝިޔާ ސިފައިން ދިން އެންމެ ނުރައްކާތެރި ހަމަލާކަމަށް ބެލެވެއެވެ. މި ހަމަލާ ރަޝިޔާއިން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

"[މިލިޓަރީ] އިންސްޓިޓިއުޓް އޮފް ކޮމިއުނިކޭޝަންސްގެ އެއް އިމާރާތް ވަނީ ބައިބައިކޮށް ހަލާކުވެފައި. މީހުން ފެނުނީ ކުނިތަކުގެ ދަށުން. އެތައް ބަޔަކު ސަލާމަތްވި،" ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވި އެވެ.

ޕޮލްޓާވާ އޮންނަނީ ވެރިރަށް ކީވްގެ އިރުދެކުނުން ގާތްގަނޑަކަށް 350 ކިލޯމީޓަރު (217 މޭލު) ދުރުގަ އެވެ. މި ސިޓީ އޮންނަނީ ކިއެވް އާއި ރަޝިއާގެ ބޯޑަރު ކައިރީގައި އޮންނަ ޔޫކްރެއިންގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޚަރްކީވްއާ ދެމެދު އޮންނަ މައި ހައިވޭ އާއި ރޭލް ރޫޓުގަ އެވެ.

"ރެސްކިއު އޮޕަރޭޝަންގައި ބޭނުންވާ ހުރިހާ ހިދުމަތެއް ދަނީ ފޯރުކޮށްދެމުން،" ޒެލެންސްކީ ވިދާޅުވީ ހަމަލާގެ ފުރިހަމަ އަދި އަވަސް ތަހުގީގެއް ހިންގުމަށް އަންގަވާފައިވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *