Tuesday, 28 July 2026
Raajje24

އަތުހަރު މަރުވެއްޖެ، އޮޓޮޕްސީއެއް ހަދަނީ!

އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ބިރު ދެއްކި އާދަމް އަތުހަރު, 32, ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތް ކޮށްގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ އެވެ.

ފުލުހުން ބުނީ، އޭނާ މަރުވެފައި ވަނީ މިއަދު ހަވީރު 4:08 ހާއިރު ކަމަށާއި، އޭނާ މަރުވި މައްސަލަ ތަހުގީގު ކުރަންމުން އަންނަ ކަމަށެވެ.

އަންހެނަކު ރަހީނުކޮށްގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ދިޔުމުން އަތުހަރު ވަނީ އެ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައި ފުލުހުންނަށް ފިލަން މަސައްކަތް ކޮށްފަ އެވެ. އަންހެން މީހާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ފުލުހުންގެ ފަރާތުން އަތުހަރަށް އަނިޔާތަކެއް ލިބުނެވެ. އެހެންނަމަވެސް އެ އަނިޔާތަަކަށް އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލުމުން އަތުހަރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ރޭ ދަންޖެހެން މަސައްކަތް ކުރި އަތުހަރު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދީފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށުންނެވެ. ދަންޖެހިފައި ހުއްޓާ ފެނިފައި ވަނީ ޖަލު ކެމެރާ މޮނިޓާ ކުރަމުން ދިޔަ ވަގުތު ޖަލުގެ ކެމެރާއިން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އަތުހަރުގެ އޮޓޮޕްސީއެއް ހަދާނެކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ދަން ޖެހެން އުޅުނު މައްސަލަ އެޗްއާރުސީއެމް އާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުންވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *