ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ މެދުގައި އިހުމާލުވާ ކޮންމެ ބިދޭސީއަކަށް 50،000ރ. އިން ވަޒީފާ ދޭ ފަރާތް ޖޫރިމަނާ ކުރެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ރައްްޔިތުންގެ މަޖިލީހުން އިސްލާހް ގެނެސް ފާސް ކުރި ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
ވަޒީފާއާބެހޭ ގާނޫނަށް އަށް ވަނަ އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ އޮގަސްޓް 19 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ. ބިލް ފާސް ކުރީ 65 މެންބަރުންގެ ވޯޓުންނެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުގައި ބިދޭސީއަކު ރާއްޖެ ގެނައުމަށް ފަހު، ވަޒީފާ ދޭ ފަރާތުން އިހުމާލު ވެއްޖެ ނަމަ، މައިގަނޑު ތިން ފިޔަވަޅެއް އެޅިދާނެއެވެ. އެއީ ބިދޭސީން މަސައްކަތްތެރިން ރާއްޖެ ގެނައުމަށް ފަހު އިހުމާލުވާ ވަޒީފާ ދޭ ފަރާތްތަކުގެ މައުލޫމާތު އާންމު ކުރުމާއި އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50،000ރ. ގެ މަގުން ޖޫރިމަނާ ކުރުމާއި ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ގޮތުން ވަޒީފާދޭ ފަރާތަށް ދޭ ހިދުމަތްތައް ބިލްގެ ދަށުން ހަދާ ގަވައިދާ އެކުގައި ވަކި މުއްދަތަކަށް ހުއްޓާލެވޭނެ ކަމަށް ވެސް ބިލްގައި ބުނެފައިވެއެވެ.
މުސާރާ ނުދޭ ކުންފުނިތައް ޖޫރިމަނާ ކުރެވޭ ގޮތް ހެދުމުގެ އިތުރުން، އެއް ގައުމަކުން ބިދޭސީން އެންމެ ގިނައިން ގެނެވޭނެ އަދަދު ކަނޑައެޅުމުގެ ބާރު ކެބިނެޓަށް ލިބޭ ގޮތަށް ވެސް އެ ބިލުގައި ވަނީ ހިމަނައިފަ އެވެ. ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން ރާއްޖޭގައި ވަޒީފާ އަދާ ކުރަން އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ގެނެވޭނެ އަދަދަކީ 100،000 މީހުންނެވެ. އެއް ގައުމަކުން ތިބި އަދަދު، އެއަށް ވުރެ ގިނަވާ ނަމަ އެ އަދަދަށް ބިދޭސީން މަދު ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.
އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ވޯކް ވިސާ ފިޔަވައި އެ ނޫން ބާވަތެއްގެ ވިސާގައި ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ހުއްދަ ލިބިދީފައިވާ މީހުންނަށް ވެސް މި އުސޫލެއް ނުހިނގާނެއެވެ.


